ވޭވެލް ރާމްކަލާވަން

ސީޝެލްސްގެ ރައީސްއަށް ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުހަބާ ދަންނަވައިފި އެވެ.

އޭނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ހަރަކާތްތައް ކުރިއަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނު ގައެވެ.

ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ. އެއަށްފަހު އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން ތައްޔާރުކުރި މަރުހަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އަދި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު ސީޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް އޭނާ އިންސްޕެކްޓް ކޮށްދެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ދިވެހި ދައުލަތުގެ ވަޒީރުންނާއި އެ ފެންވަރުގެ ބޭފުޅުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ސީޝެލްސްގެ ރައީސަށް ތައާރަފުކޮށް އެރުވި އެވެ. އަދި ސީޝެލްސްގެ ރައީސް، އޭނާގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން ރައީސުލްޖުމްހޫރިއްޔާއަށް ތައާރަފުކޮށް އެރުވި އެވެ.

މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސީޝެލްސްގެ ރައީސް‏ ވޭވަލް ރާމްކަލާވަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅު ގައެވެ. އަދި ސީޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި ވަނީ ސޮއިކުރައްވާފަ އެވެ.

ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި ސީޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްވެެސް މިއަދު މެންދުރުފަހު އޮންނާނެ އެވެ.