ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޭޝެލްސްގެ ރައީސް ވިވެލް ރަމަކަލަވަންއާ ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން ކުރިޔަށް ދިޔައީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް -- ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ސިޑްސްގެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައި، ސިޑްސްގެ ގައުމުތައް ގުޅިގެން މި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފަ އެވެ. އަދި ސިޑްސްގެ ހަތަރު ވަނަ އިންޓަނޭޝަނަލް ކޮންފަރެންސްގެ މުހިންމުކަމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުވައިލެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ މަސްލަހަތު އޮތް މުހިންމު އެކި މައްސަލަތަކުގެ މައްޗަށް ވާހަކަފުޅުދައްކަވާފަ އެވެ.
މިގޮތުން ޒުވާނުންނާއި ގުޅޭ އެކިއެކި ކަންކަމާއި ދެގައުމުގެ ދޭދޭ ފަރުދުންގެ މެދުގައި ގުޅުން ދެމެހެއްޓުމުގެ އިތުރުން، އިންޑިއާ ކަނޑު ސަރަޙައްދުގެ ސަލާމަތާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުން ރައްކާތެރިވުމާއި، މުރަކަ ފަރުތައް ހިމާޔަތް ކުރުމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ސޭޝެލްސްގެ ރައީސް ވަނީ ދިވެހިރާއްޖެއަށް ހުރިހާ ދާއިރާއެއްގައިވެސް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް މުއިއްޒުއަށް އަރުވައިފަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ދެ ރައީސުންގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަގުވާމީ މަސްރަޙުގައި އެއްބާރުލައިގެން ކުރިއަށް ދިއުމުގެ ރޫޙާއެކު އެވެ.
ރައީސް މުއިއްޒު އެންޓީގާ އެންޑް ބާބިޔުޑާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ހަތަރުވަނަ އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް -- ސިޑްސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސިޑްސް4 ގެ މި އަހަރުގެ ޝިއާރަކީ "ޗާޓިން ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ" އެވެ.
މި ޝިއާރާ އެއްގޮތަށް މި އަހަރުގެ ސިޑްސް ކޮންފަރެންސްގައި ތިމާވެށީގެ ގޮތުން ނާޒުކު ކުދި ގައުމުތަކަށް، ފާގަތިކަމާއި ވިލުންތެރިކަން ހާސިލްކުރުމަށް މަގުފަހިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.