ކެންދޫ

ކެންދޫ: ދިވެހި ބޭސްވެރިކަމުގައި އެއްވަނަ

ބ. ކެންދޫ އަކީ 17 ހެކްޓަރުގެ ބޮޑުމިން އޮންނަ 1،400 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. ކެންދޫ އަކީ ބ. އަތޮޅުގައި އެއްބަރިއަކަށް އޮންނަ ރަށްތައް ނުވަތަ ފަސްދޭތެރެ ރަށްތަކުގައި ހިމެނޭ ރަށެކެވެ.

ބ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ކެންދޫ އަކީ ދިވެހި ބޭސްވެރިކަމުގައި ރާއްޖޭގައި އެންމެ މަޝްހޫރު މީހުން ތިބި ރަށެވެ. ދިވެހި ބޭސްވެރިކަމުގެ ދާއިރާއަށް ކެންދޫ އަށް ލިބިފައިވާ ފަހުރުވެރި ނަން ދެމެހެއްޓުމަށްޓަކައި އެރަށު ކައުންސިލްގެ ވިސްނުންތަކެއް އެބަހުއްޓެވެ.

އަވަސްއާ ވާހަކަދައްކަވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަބްދުއްރަހުމާން ވިދާޅުވީ ކެންދޫގައި ކުރެވެން ނެތް ދިވެހި ބޭސްވެރިކަމެއް އެހެން ރަށަކުން ނުކުރެވޭނެ ކަމަށެވެ. ވަކިންހާއްސަކޮށް (އާތްރައިޓިކްސް) ނުވަތަ ރާއްޖެބައްޔަށް ފަރުވާ ކުރުމުގައި ކެންދޫގެ ބޭސްވެރިންނަކީ ކުޅަދާނަ ބައެކެވެ.

"އެހާވެސް އަޅުގަނޑުމެންގެ ބޭސްވެރިންނަށް ހާއްސަ އެއްޗެއް އެއީ [ރާއްޖެބައްޔަށް ފަރުވާކުރުމަކީ]،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

ދިވެހި ބޭސްވެރިކަން ކެންދޫގައި ދިރުވާ އާލާކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމުގައިވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ. އެގޮތުން ކަމާ ގުޅޭ ބޭފުޅުންނާ ގުޅިގެން މިދާއިރާއިން މީހުން ތަމްރީންކުރުމުގެ ވިސްނުންތަކެއް ކައުންސިލުން ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިވެހި ބޭސްވެރިކަން ކުރާ މީހުންނަށް އޮތް އެންމެ ބޮޑު ދައްޗަކީ އެމަސައްކަތުގައި ބޭނުންވާ ތަކެތި ފަސޭހައިން ނުލިބުން ކަމަށެވެ. ދިވެހި ބޭސްވެރިކަމުގައި ވަރަށް އާންމުކޮށް ބޭނުންކުރާ ބާވަތެއް ކަމަށްވާ ކަނދޮޅު ކެންދޫ އިންވެސް އަދި އެހިސާބުގަނޑުގެ ރަށްތަކުން ވެސް ލިބުން ދަތިކަން ފާހަގަކުރެއްވި އެެވެ.

"އެހެންވެ ބޭސްފަރުވާއަށް ބޭނުންވާ ފަތްޕިލާވެލީގެ ވީހާވެސް ގިނަ ބާވަތްތައް ރަށުގައި ހެއްދުމުގެ މަސައްކަތް އަޅުގަނޑުމެން އިސްނަގައިގެން މިދަނީ ކުރަމުން،" އިބްރާހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެންދޫއަށް ޒިޔާރަތްކޮށްގެން 20 އަކަށް މީހުން އެރަށުގައި ދިވެހި ބޭސްވެރިކަމުގެ ފަރުވާ ހޯދަމުން ނުދާ ދުވަސްވަރެއް މަދެވެ. އެހެންވެ ކެންދޫގެ ކައުންސިލްގެ ވިސްނުމަކީ މެޑިކަލް ޓޫރިޒަމް ކެންދޫގައި ފުޅާކުރުމެވެ. ސަބަބަކީ ކެންދޫ އަކީ ބިން ފުރިފައިވާ އަދި ބިން ހިއްކަން ފަޅުވެސް ނެތް ރަށަކަށްވުމެވެ.

"އެހެންވީމާ އަޅުގަނޑުމެންނަށް ލޯކަލް ޓޫރިޒަމަކީ އެހާ ފުޅާކޮށް ކުރެވިދާނެ ކަމެއް ކަމަކަށް ނުފެނޭ. އެކަމަކު އަޅުގަނޑުމެން ރަށަކީ ކުރިންވެސް މި ފާހަގަކުރި ގޮތަށް ދިވެހި ބޭސްވެރިކަމުގައި އެންމެ ފާހަގަކުރެވޭ ރަށަށްވާތީ މެޑިކަލް ޓޫރިޒަމްގެ ގޮތުގައި ރަށް ޕްރޮމޯޓްކުރުމަށް ކައުންސިލްގެ ވިސްނުން އެބަހުރި،" ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަށުގައި ގޯތި ބޭނުންވާ 200 މީހުން މިވަގުތުވެސް އެބަތިބި ކަމަށެވެ. ނަމަވެސް މިވަގުތު ގޯތި ދޭންވެސް އޮތީ ނިސްބަތުން ކުޑަ ބިމަކަށްވާތީ ރައްޔިތުންނަށް ގޯތި ދީފައި ރަށުގައި އިތުރު މަސައްކަތެއް ކުރާނެ ބިން ނެތުމަކީވެސް ކަންބޮޑުވުމެއް ކަމުގައި ވިދާޅުވި އެވެ.

ކެންދޫއަކީ ތާރީހީ ގޮތުންވެސް ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން ރާއްޖެ އިސްލާމު ކުރެއްވި ކަމަށް ބުނާ މަޣުރިބްކަރައިގެ ތަބްރޭޒީގެފާނު އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެން ހުންނެވީ ބ. ކެންދޫގައި ކަމަށް ބުނެވެ އެވެ.

ކެންދޫ މީހުން ކިޔައިދޭ ގޮތާއި އަދި ކެންދޫގެ ދޮން ޔޫސުބް ލިޔުއްވާފައިވާ ގޮތުން މި ރަށަށް ވަޑައިގެންނެވި ބޭފުޅަކީ ތަބްރޭޒްގެފާނެވެ. އެ މަނިކުފާނު ރާއްޖެއަށް އެތެރެވެ އެންމެ ފުރަތަމަ މަޑު ކުރެއްވީ މި ރަށުގަ އެވެ. އޭގެ ފަހަށް މި ރަށުގެ ރައްޔިތުންނަށް އިސްލާމް ދީން ދަސްކޮށް ދެއްވައި ދީނަށް ގޮވާލެއްވި އެވެ. އަދި މި ރަށުގެ ރައްޔިތުން އިސްލާމް ކުރައްވައި އެމީހުނަށް ދީން އުނގަންނައިދެއްވާ އަރަބި ބަސް ދަސްކޮށް ދެއްވި ކަމަށްވެ އެވެ.

ތަބްރޭޒްގެފާންގެ މާލެ ވަޑައިގެންނެވީ މުޅި ކެންދޫ އިސްލާމް ކުރައްވާފައިވާ ކަމަށްވެ އެވެ. ބައެއް ރިވާގައި ކެންދޫއަކީ އިސްލާމްވި ފުރަތަމަ ރަށޭ ވެސް ބުނެވެ އެވެ.

ކެންދޫގައި ހުންނަ މަޝްހޫރު މަގާމްފުޅު މިހާރު ހުރި ތަނަކީ ތަބްރޭޒްގެފާން ނަމާދު ކުރެއްވި ތަން ކަމަށްވެ އެވެ. އެއީ އިހުގައި ރަށުގެ ގޮނޑުދޮށުގެ ދޮންވެލިގަނޑެވެ. އެ ތަނުގައި ދަނޑިފަނުގެ ގެއެއް އެޅީ އޭގެ ފަހުންނެވެ. ތަބްރޭޒްގެފާނު އެ ރަށުން ވަޑައިގެންނެވުމުން ވެސް އެކި ފަހަރު މަތިން ކެންދޫގެ ރައްޔިތުން އެތަން މަރާމާތުކޮށް ބަލަހައްޓަމުން ދިޔައީ އެވެ. މިހާރު އެ މަގާމުފުޅު ހުރި ގޮތަށް އުވައިން އިމާރާތް ކުރެއްވީ ކުޑަރިކިލު މުހައްމަދު މަނިކު (ނައިބު ކަލޭފާނު) އެވެ.