ބިލެތްފަހި

ބިލަތްފަހި: ރުކުފަތީގެ މަސައްކަތުގައި އެއްވަނަ

ށ. ބިލެތްފަހި އަކީ އާބާދީގައި 762 މީހުން ދިރިއުޅޭ 62 ހެކްޓަރުގެ ރަށެކެވެ. ގުދުރަތީ ގޮތުން ރީތި ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ބިލެތްފަހީގެ ރައްޔިތުންނަކީ ކިއްސަރުވަޑާމުގެ މަސައްކަތާއި ރުކުފަތީގެ މަސައްކަތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ. ބިލެތްފަހީގައި މަސްވެރިކަމާ ދަނޑުވެރިކަމުން އާމްދަނީ ހޯދަމުންދާ ބަޔަކުވެސް އުޅެ އެވެ.

ބިލެތްފަހީގައި ރުކުފަތީގެ މަސައްކަތް ނުކުރާ ޒަމާނެއް ނުދާ ކަމަށް އެރަށުގައި މިހާރު ދިރިއުޅޭ ރައްޔިތުން ބުނެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން ބިލެއްފަހި ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދު ވިދާޅުވީ ރުކުފަތީގެ މަސައްކަތަކީ އެރަށުގެ ކާބަފައިންގެ ޒަމާނުއްސުރެ ކުރަމުން އައިސްފައިވާ އަދި މިއަދުގެ ޖީލަށްވެސް ވާސިލްވެފައިވާ މަސައްކަތެކެވެ.

"މިއީ ބިލެތްފަހީގެ ރައްޔިތުންގެ ފަހްރުވެރިވާ މަސައްކަތެއް. މިއީ ރަށުގައި މިމަސައްކަތް ކުރާ މީހުން އަންނަން އޮތް ޖީލުތަކަށްވެސް ވާސިލްކޮށްދޭން ބޭނުންވާ މަސައްކަތެކެވެ." އޭނާ ވިދާޅުވި އެވެ.

ރުކުފަތީގެ މަސައްކަތުގެ ތެރެއިން އުފައްދާ ތަކެތި ވިއްކައިގެން ރަނގަޅު އާމްދަނީއެއްވެސް ބިލެތްފަހީގައި އެމަސައްކަތް ކުރާ މީހުން ހޯދަ އެވެ. ބިލެތްފަހީގެ ޒުވާނުންގެ މެދުގައި މިމަސައްކަތް ދަސްކުރުމުގެ ރޫހެއް އޮތް ކަމަށް ރަށުގެ ހަރު މީހުންގެ ފަރާތުން އެނގިފައިވެ އެވެ.

ކައުންސިލްގެ ރައީސް ޒިޔާދު ވިދާޅުވީ ބިލެތްފަހިއަށް ޒިޔާރަތް ކުރާ މެހްމާނުންނަށް ހަދިއާއެއްގެ ގޮތުގައިވެސް އެންމެ އާންމުކޮށް ދޭ އެކައްޗަކީ ރުކުފަތިން ތައްޔާރުކޮށް ގަތާފައި ހުންނަ މޮޅޯށި ހަލަނި ބަތްޕޮޅި ކަހަލަ އުފެއްދުމެއް ކަމަށެވެ.

"ހަގީގަތުގައި ރަށަށް ޒިޔާރަތްކުރާ މީހުންނަށް މިރަށް ރަމްޒުކޮށްދޭން ހަދިޔާއެއް ލިބުމުން އެމީހުންވެސް ވަރަށް އުފާވޭ،" ޒިޔާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބިލެތްފަހިން ރުކުފަތީގެ މަސައްކަތްތެރިކަން ގެއްލިގެން ދިޔަ ނުދިނުމަށް ރަށުގައި މިމަސައްކަތް ކުރާ މީހުންވެސް ވަރަށް ހާއްސަ ކަމެއް ދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި ކައުންސިލުންވެސް އެކަމުގައި ބައިވެރިވެ ޒުވާނުން މިމަސައްކަތް ދަސްކުރުމަށް ހިތްވަރު ލިބޭ ފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދާ ކަމަށެވެ.

"ހަގީގަތުގައި މިމަސައްކަތުގެ ތެރެއަށް ޒުވާނުން ޝައުގުވެރިކުރުވުމުން ޒުވާނުން ކުރާނެ މަސައްކަތެއްނެތި މަގުމަތި ވިޔަ ނުދީވެސް ހިފެހެއްޓޭނެ،" ޒިޔާދު ވިދާޅުވި އެވެ.

ބިލެތްފަހި އަކީ މިހާރުވެސް ކޮންމެވެސް ވަރަކަށް ލޯކަލް ޓޫރިޒަމް އޮތް ރަށަކަށްވާތީ އެރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށްވެސް ރަށުގެ މީހުން އުފައްދާ ރުކުފަތީގެ އުފެއްދުންތައް ނިކަން ކަމުދެ އެވެ. އަދި ބިލެތްފަހީގައި ސަރުކާރުން އަޅަން ނިންމާފައިވާ އެއާޕޯޓްގެ މަޝްރޫއު ހަގީގަތަކަށް ވުމުން ރަށުގެ ރައްޔިތުން ކުރާ ރުކުފަތީގެ މަސައްކަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް ކައުންސިލުން އުއްމީދު ކުރެ އެވެ.

"އޭރުން ރަށުގައި އަދިވެސް އިތުރު ގެސްޓްހައުސްތައް އެޅި އެތަންތަނަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ. ރަށަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުުވުމަކީ ރުކުފަތީގެ މަސައްކަތް ކުރާ މީހުންނާއި އަދި އެހެންވެސް މަސައްކަތް ކުރާ މީހުންނަށް އާމްދަނީ އިތުރުކުރުމަށް ހުޅުވޭ އިތުރު ދޮރެއް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ބިލެތްފަހީގައި ކުރާ ރުކުފަތީގެ މަސައްކަތާއި ކިއްސަރު ވަޑާމުގެ މަސައްކަތް އިތުރަށް ފުޅާކުރުމަށް އެރަށުގައި ޓިވެޓް މަރުކަޒެއް ފަދަ ތަނެއް ހެދުމަކީވެސް ރަށުގެ ރައްޔިތުން މުސްތަގުބަލުގައި ކުރަން ބޭނުންވާ ކަމެކެވެ.