ކުނބުރުދޫ

ބިމެއް ނެތް، ހިއްކިޔަސް ގޯތި ދެވޭކަށްވެސް ނެތް

އދ . ކުނބުރުދޫ އަކީ ރާއްޖޭގެ ބިމުގެ ނިސްބަތުން މީހުން ދިރިއުޅޭ އެންމެ ކުޑަ އެއްރަށެވެ. މި ރަށުގެ އާބާދީ އަކީ 640 އެވެ. ގޭބިސީގެ އަދަދަކީ 71 ގެއެވެ.

މިރަށު މީހުން ދިރިއުޅުމަށް ކުރާ އާންމު މަސައްކަތަކީ ރިސޯޓް ވަޒީފާ އަދާކުރުމާއި ކަންނެލި އަދި ފަރުމަހުގެ މަސްވެރިކަން ކުރުމެވެ.

ކުނބުރުދޫ މީހުންނަކީ ރާއްޖޭގައި އެއްމެ ފުރަތަމަ ހިޔާގަނޑު ޖެހި ދޯނީގެ ހިޔާ ގަޑު ފަރުމާ ކުރި ވަޑިން ނިސްބަތްވާ ރަށް ކަމަށް ބުނެވެ އެވެ.

ކުނބުރުދޫއަށް ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުބުނރުދޫ ރައްޔިތުން އަރިއަތޮޅު ރަސްދޫއަށް ބަދަލުކޮށްފައިވެ އެވެ. އެހެންނަމަވެސް މައުމޫނުގެ ވެރިކަމުގައި އަނެއްކާވެސް ކުބުނރުދޫ ރައްޔިތުން ވަނީ އެމީހުންގެ އުފަން ރަށަށް ބަދަލުވެފަ އެވެ.

ކުނބުރުދޫ ރައްޔިތުން އަނބުރާ އެރަށަށް ދިޔަ ފަހުން ރަށުން ބަންޑާރަގޯތި ދޫކޮށްފައެއް ނުވެ އެވެ. ކުނބުރުދޫ ކައުންސިލުން ބުނާ ގޮތުގައި އެރަށުން ގޯތި ދޫނުކުރާތާ 40 އަހަރަށް ވުރެ ގިނަ އަހަރު ވެއްޖެ އެވެ. ގޯތި ދޫނުކުރެވޭ މައިގަނޑު ސަބަބަކީ ވެސް ބިންފުރިފައިވާތީ ގޯތި ދޫކުރާނެ ޖާގަ ނެތުމެވެ.

ކުނބުރުދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒުމީ ވިދާޅުވީ ރަށުގައި ގޯތި ދޫކުރާނެ ބިން ނެތުމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށުން ކުބުނރުދޫ މީހުންނަށް ގޯތި ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ކުރީގެ ސަރުކާރުތަކުން ބުނި ކަމަށެވެ.

"އޭރު ވަރަށް ގިނަ ފަރާށްތަކުން އެހެން ރަށްރަށުން ގޯތި ހޯދުމަށް ސިޓީވެސްލި. އެހެންނަމަވެސް އެކަމަށް އަލި މަގެއް ފެނިފައެއް ނުވޭ. ގޯއްޗެއްވެސް ނުލިބޭ،" އަޒުމީ ވިދާޅުވި އެވެ.

ކުނބުރުދޫ ރައްޔިތުން ވަނީ އެ ރަށު ފަޅުހިއްކޭނެ މިންވަރަށް ފަޅު ހިއްކައިގެން ރަށުގެ ބިން ބޮޑުކުރެވޭނެ އެންމެ ބޮޑަށް ބޮޑުކޮށްދިނުމަށްވެސް އެކި ސަރުކާރުތަކުގައި އެދިފަ އެވެ. އެކަމަކު އެކަމަށްވެސް މިއަދާ ހަމައަށްވެސް ހައްލެއް ލިބިފައި ނެތުމަކީ ކުނބުރުދޫ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

އަޒުމީ ވިދާޅުވި ގޮތުގައި މިހާރު އޮތް ބިމުގެ ދެގުނަ ހިއްކޭވަރުގެ ފަޅެއް އަދިވެސް އެބައޮތެވެ. އެކަމަކު ބިން ހިއްކައިދީފައި ނުވާތީ ރައްޔިތުން ދިރިއުޅެނީ ވަރަށް ދަތިހާލުގައި ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެއްގެއެއްގެ ތެރޭގައި ގިނަ އާއިލާތަކެއް ދިރިއުޅެމުންދާތީ އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއްވެސް މިހާރު ކުރިމަތިވަމުން އެބަދޭ. ބިމުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ނުކުރެވިފައި އަޅުގަނޑުމެން މިތިބީ،" އަޒުމީ ވިދާޅުވި އެވެ.

ކުނބުރުދޫގެ ބިން ހިއްކި ނަމަވެސް އެރަށުގައި ގޯތި ބޭނުންވާ އެންމެންނަށް ގޯތި ދޫކުރެވޭނެ ގޮތެއް ނެތެވެ. އެހެންވެ ކުނބުރުދޫ ކައުންސިލްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން އެރަށުގައި ހައުސިން މަޝްރޫއެއް ފަށައި އުސް އިމާރާތްތަކެއް އަޅައިގެން ރައްޔިތުންނަށް ފްލެޓް ދިނުމަށެވެ. އެކަމަކު އެކަމަށް އަދި ކައުންސިލްގެ ރަސްމީ ނިންމުމެއް ނެތެވެ.

ކުނބުރުދޫ ރައްޔިތުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރައްޔިތުންނަން ބިމުގެ ދަތިކަން ހައްލުވެ ހަމަޖެހޭ ފުދުއްތެރި ދިރިއުޅުމެއް ލިބޭނެ ދުވަހެކެވެ.