އެ ފްރިކާ ބައްރުގައި ހިމެނޭ މޮރޮކޯ އަކީ އިސްލާމީ ދައުލަތްތަކުގެ ތެރެއިން ވަރަށް މުހިއްމު ދައުލަތެކެވެ. ފައިސާގެ ގޮތުންވެސް އާދަކާދައާއި ސަގާފީ ގޮތުންވެސް އަދި ތާރީހީ ގޮތުންވެސް މޮރޮކޯ އަކީ މުސްލިމުންނަށް ވަރަށް ހާއްސަ ގައުމެކެވެ.
މުސްލިމުން ފާހަގަކުރާ ބޮޑު އީދުގެ ދުވަސްތައް އެންމެ ކުލަގަދަކޮށް ފާހަގަކުރާ އިސްލާމީ ދައުލަތްތަކުގެ ތެރޭގައި މޮރޯކޯ ވެސް ހިމެނެ އެވެ.
ބޮޑު އީދު ދުވަހަށް ތައްޔާރުވުމުގެ ގޮތުން މޮރޮކޯގައި އެންމެ ފުރަތަމަ ކުރާ ކަމަކީ ހަފްތާއެއް ކުރިން ރަނގަޅު ސޫފިތައް ހާއްސަކޮށް ބަކަރިތައް އެތަން މިތަނުން ޖަމާކޮށް އެއްމެނަށް ލިބޭނެހެން ހެދުމެވެ. އަދި ހަމަ އެހެންމެ އެތަކެތީގެ އެންމެހާ ބައިތައް ކެއުމަށްޓަކައި ފިހެ ތައްޔާރު ކުރުމަށް އެކި ސަރަހައްދު ތައްޔާރު ކުރުމެވެ. ބަކަރީގެ ކެއުން ތައްޔާރުކުރުމަށް ހަވާދުގެ އެކި ބާވަތްތައް ހޯދައި އެއްތަން ކުރުމަކީވެސް މި އީދުގެ ބޮޑު ބައެކެވެ.
އީދު ދުވަސް
އީދު ދުވަސް މޮރޮކޯގައި ފެށެނީ އީދު ނަމާދުގެ ހާއްސަ ހުތުބާ އިންނެވެ. އެއީ މުސްލިމުން އެއްބައިވަންތަކޮށް ތިބުމުގެ މުހިއްމުކަމުގެ މައްޗަށް އިއްވޭ ހުތުބާ އެކެވެ. އޭގެ ފަހުން އީދުގެ ތަކްބީރު ކިއުން ތިން ދުވަހަށް ދެމިގެންދެ އެވެ. އީދު ނަމާދަށް އެއްމެންވެސް ދާނީ އައު ހެދުންލައިގެން އެންމެ ރަނގަޅު ސަގާފީ ޖަލަބާސް އަދި ބަލަގާ ފޭރާމުގައި ޒީނަތްތެރިވެ ނަލަހެދިގެންނެވެ.
އީދު ނަމާދަށްފަހު ގާތް ތިމާގެ މީހުންގެ ގެއަށް ނުވަތަ ރައްޓެހިންގެ ގެއަށް ގޮސް އެއްމެން އެކުގައި ހާއްސަ ސައެއް ނުވަތަ ކެއުމެއް ކެއުން އޮވެ އެވެ. އެއީ އާދައިގެ ދުވަހަކަށް ވުރެ ތަފާތު ސައެއް ނުވަތަ ކެއުމެކެވެ.
އެއަށްފަހު އާއިލާތައް އެކުގައި ނުވަތަ ރައްޓެހީންނާއެކު ބަކަރި ކަތިލުމުގައި ބައިވެރިވުން އޮވެ އެވެ. ކަތިލާ ސޫފި ތަކަކީ ހާއްސަ ގޮތެއްގައި ކަތިލާ ޒަބީހާގެ ކަތިލުމެކެވެ. އެ ސޫފީގެ ބައިތައް ތިން ބަޔަކަށް އެއްވަރަށް ބެހުމަށްފަހު އެއްބައި އާއިލާއަށް، އެއްބައި ސޮދަގާތަށް އަދި އަނެއްބައި ފަގީރުންނަށް ބަހަ އެވެ.
މޮރޮކޯގައި ކަތިލާ ސޫފީގެ ހުރިހާ ބައެއް ހަމަ އެއްވެސް ބައެއް އުކާ ނުލައި ބޭނުން ކުރެ އެވެ. ހާއްސަކޮށް ބަކަރީގެ ބޮލާއި މެއާއި ހިތް ފިހެގެން ކެއުމަކީ މޮރޮކޯގެ އާދަކާދައިގައި ހިމެނޭ އީދުގެ މުހިއްމު ބައެކެވެ. ބަކަރި ކަތިލުން ފައްޓަވައި ދެއްވާނީ މޮރޮކޯގެ ރަސްގެފާނެވެ.
އީދުގެ ހާއްސަ ކެއުން
ކޮންމެ މުސްލިމު ގައުމެއްގައިވެސް އަޟްހާ އީދަށް އެގައުމެއްގެ ހާއްސަ ކެއުމެއް އޮންނަ ފަދައިން މޮރޮކޯގައި އޮންނަ އާދައަކީ މީރު މެޓާތަކާއި ބިސްކޯދު ތައްޔާރު ކުރުމެވެ. އަދި އީދަށްޓަކައި އާއިލާގެ އެއްމެނަށް ހާއްސަކޮށް ކުޑަކުދިންނަށް އައު ހެދުން ގަނެ ހޯދުމަކީ މޮރޮކޯގެ ސަގާފަތުގައި އޮންނަ ކަމެކެވެ.
އީދު ނަމާދަށްފަހު ކެއުމަށް ހާއްސަކޮށް ތައްޔާރު ކުރާ ތަކެތީގެ ތެރޭގައި ބަކަރީގެ ތަފާތު ގުނަވަންތަކުން ތައްޔާރުކުރާ ކާތަކެތި ހިމެނެ އެވެ. މިފަދަ ތެކެތީގެ ތެރެއިން އެންމެ ހާއްސައީ މަޝޫއީ އަދި މުރްޒިއާ އެވެ.
ބުޖްލޫދް އީދު
ބުޖްލޫދު އީދަކީ މޮރޮކޯގައި އޮންނަ ބަރުބަރު ދަރިކޮޅުގެ އާދަކާދަ އެކެވެ. އަޟްހާ އީދުގެ ހަރަކާތްތައް ނިންމާލަނީ މި ހަރާކަތުންނެވެ. މި ހަރަކާތަކީ ހާއްސަކޮށް މޮރޮކޯގެ ދެކުނުގައި ކުޑަކުދިންނަށްޓަކައި އޮންނަ ހަރަކާތެކެވެ. ބުޖްލޫދުގެ މާނައަކީ ހަމުގެ ބައްޕަ އެވެ.
މި ކުޅިވަރު ކުޅެނީ ހަމުން ތައްޔާރުކޮށްފައިވާ ގަދީމީ ފޭރާންތަކެއްގަ އެވެ. އެހެންކަމުން ބުޖްލޫދުގެ ނަމުން މި ކުޅިވަރު މަޝްހޫރު ވެފައިވަނީ އެވެ. ނަމަވެސް ކަންބަޅި ސިފަވާހެން ކުދިން ހެދުންލައިގެން ކުޅިވަރު ކުޅުމަކީ މޮރޮކޯގައި ބަލިކަށިވަމުން އަންނަ ސަގާފަތެވެ.
ޖުމްލަކޮށް މުސްލިމް އެހެން ގައުމުތަކޭވެސް އެއްފަދައިން މޮރޮކޯގައިވެސް އަޟްހާ އީދަކީ އެއްމެން އެއްވެ، ގައުމުން ބޭރުގައި ތިބޭ ފަރާތްތައްވެސް އަނބުރައި އާއިލާ ގާތަށް އައިސް އީދުގައި ބައިވެރިވެ އުފާފާޅު ކުރުމާއި ހިނިތުންވުން ގެނައުމުގެ އެންމެހާ ސަގާފީ ކަންކަމުގައި ބައިވެރިވާ ބޮޑު އީދެވެ.