އީދު ފާހަގަ ކުރުން

ދީނާ ދެކޮޅު މީހުންނަށް ނޫނެކޭ ބުނަން ކެރެންޖެހޭ: ހުތުބާ

އިސްލާމްދީނުގެ ބުރުސޫރަ ހުތުރުކުރާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް ގައުމު ބޭނުންވެފައިވާ ކަމަށް މިއަދުގެ އީދު ހުތުބާގައި ބުނެފި އެވެ.

މާލެސިޓީ ހިމެނޭހެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ވަނީ ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ. އީދު ނަމާދަށް ފަހު އިއްވި ހުތުބާގައި ބުނެފައިވަނީ އިބްރާހިމްގެފާނުގެ ދަރިކަލުން އިސްމާއީލްގެފާނު ގުރުބާން ކުރެއްވުމަށް އެންގެވި ހިނދު އެކަލޭގެފާނު އަމަލު ކުރެއްވި ރިވެތި ގޮތުން އިބްރަތް ހާސިލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އެ މަންޒަރު ނޫން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މިއަދު ފެންނަމުންދަނީ ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ގުރުއާނަށް އިހާނެތިކޮށް ހިތަމުންދާ މަންޒަރު ކަމަށާ ނަބިއްޔާއަށް ފުރައްސާރަކޮށް މުސްލިމުންގެ މުގައްދަސް ތަންތަނަށް ވެރިވެ ފޭރިގަންނަމުންދާ މަންޒަރު ކަމަށާ އަދި އިސްލާމީ ގައުމުތަކުގެ އިންތަކުގެ ހުރުމަތް ކަނޑާ މުސްލިމު އިލްމުވެރިންގެ ގަދަރު ވައްޓާލާ އިސްލާމީ ޔުނިވާސިޓީތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މަންހަޖުތައް ބަދަލުކުރުމަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ މަންޒަރު ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ސައްތައިން ސައްތަ އިސްލާމީ ގައުމެއް އޮވެގެން ނުވާނެ ކަމަށް ބުނެ އަޑު އުފުލާއިރު މުސްލިމުންގެ ހައްގުތަކަށް އެކު ގޮތްގޮތުން އަރައިގަންނަމުންދާ ކަމަށެވެ.

"މިއަދު މިވަނީ އެ މީހުންގެ ވަގުތުންނާއި މުދަލުންނާއި އީޖާދުތަކުން އިސްލާމްދީނަށްޓަކައި ގުރުބާންވާން ކެރޭ މީހުންނަށް ބޭނުންވެފައެވެ. އިސްލާމް ދީނުގެ ބުރުސޫރަ ހުތުރުކުރުވާ މީހުންނަށް ނޫނެކޭ ބުނަން ކެރޭވަރުގެ މުސްލިމު ދަރިންނަށް މިއަދު ވަނީ ބޭނުންވެފައެވެ،" އީދު ހުތުބާގައި ބުނެފައިވެއެވެ.

އީދަކީ އަބާއްޖަވެރި ކަމެއް ނެތް ބާއްޖަވެރި ކަމެކެވެ. އަރާރުމެއް ނެތް އެއްބައިވުމެކެވެ. ރުޅިވެރިކަމެއް ނެތް އެކުވެރި ކަމެކެވެ. ލޯތްބާއި އަޅައިލުން އޮތް އުފާވެރި ދުވަސްތަކެކެވެ. މި ދުވަސްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ހެޔޮ ފޯރުވާށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް މާފު ކުރާށެވެ. ސަލާމްކޮށް ހިތްތައް ސާފުކުރާށެވެ. ހެޔޮކަންތައް ކުރުމުގައި އެއްބާރުލާށެވެ. ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ޒިޔާރަތް ކުރާށެވެ. އީދު ހަދިޔާ ބަދަލުކުރާށެވެ. ސޯޝަލް މީޑިއާގެ ތެރެއިން އީދު ތަހުނިޔާ ބަދަލު ކުރާށެވެ. ޔަތީމުންނަށް އަޅައިލާށެވެ. ރަހިމުގެ ގުޅުން ބަދަހި ކުރާށެވެ. އިސްލާމީ އަހުލާގުން ޒީނަތްތެރިވާށެވެ.
އަލްހާ އީދު ހުތުބާ | ޖުލައި 20، 2021

މީގެ އިތުރުން އީދުގެ މާތް ކަމާއި އީދު ދުވަހު އަމަލުތައް ބަހައްޓަންވީ ގޮތާއިމެދުވެސް ހުތުބާގައި އިރުޝާދު ދީފައިވެއެވެ. އީދަކީ އަބާޖަވެރި ކަމެއް ނެތް ބާއްޖަވެރި ކަމެއް ކަމަށާ އަރާރުންވުމެއް ނެތް އެއްބައިވަންތަ އަދި ރުޅިވެރި ކަމެއް ނެތް އެކުވެރި ކަމެއް ކަަމަށް ބުނެފައިވެއެވެ. އަދި މިއީ ލޯތްބާއި އުފާވެރިކަމުގެ ދުވަސްތަކެއް ކަމުން މި ދުވަސްތަކުގައި ހެޔޮ ފޯރުވާ މައާފުކޮށް ހެޔޮ އަމަލު ގިނަކޮށް ނުބައި މުންކަރާތްތަކުން ދުރުވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.