ޕާކިސްތާން

ޕާކިސްތާނާއި ބޮޑު އީދު

އިސްލާމީ ގައުމެއް ކަމުގައިވާ ޕާކިސްތާންގައި އަޟްހާ އީދަކީ އެ ގައުމަށް އަންނަ އެންމެ އުފާވެރި ދުވަސްތަކެވެ.

ޕާކިސްތާނުގައި ބޮޑު އީދު ފާހަގަކުރުމަށްޓަކައި އާންމު ގޮތެއްގައި މުޅި ގައުމުގައި ފަސް ދުވަސް ރަސްމީ ބަންދެއްގެ ގޮތުގައި ހަމަޖައްސަ އެވެ.

ބަންދު ދުވަސްތަކުގައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ސްކޫލްތަކާއި އަމިއްލަ ވިޔަފާރިތައް ވެސް ބަންދުކުރެވެ އެވެ.

ބޮޑު އީދަށް ތައްޔާރުވުމުގެ ގޮތުން ކަތިލާނެ ނައަމް ސޫފިތައް އެތަކެތި ވިއްކާ މާރުކޭޓުތަކަށް އާއިލާ މެންބަރުންނާއި ރައްޓެހިން ގޮސް ގެއަށް ގެނައުމަކީ އީދުގެ އެންމެ މުހިންމު އެއް އާދަކާދަ އެވެ. އަދި އެ ސޫފިތައް ކަތިލަންދެން ގޭގެ ބޭރުގައި ބައިތިއްބައި ގޭގެ ކުދިން އެތަކެއްޗަށް ކާންދީހަދައި ބެލެހެއްޓުމަކީ އެމީހުން ގަޔާވެގެން ކޮށްއުޅޭ ކަމެކެވެ.

އީދު ދުވަހުގެ އިރު އެރުމުގެ ކުރިން ޖަމާއަތުގައި މިސްކިތެއް ކައިރިއަށް ގޮސް ނައަމް ސޫފިތައް ކަތިލުމަކީ ޕާކިސްތާނުގެ ސަގާފަތެވެ. އަދި ކަތިލުމަށްފަހު އެތަކެތި ތިން ބަޔަކަށް ބެހުމަކީ އެހެނިހެން މުސްލިމް ގައުމުތަކުގައިވެސް ކޮށް އުޅޭ ބީދައިން ކުރާ ކަމެކެވެ. އެގޮތުން ކަތިލި ސޫފީގެ އެއް ބައި ބޭނުންޖެހިފައި ތިބި އެތަކެތި ގަނެވޭނެފަދައެއް ނެތް މީހުންނަށް ބެހުމަށްފަހު ދެން އޮންނަ ބައި ގާތްތިމާގެ މީހުންނަށް ދީ އަނެއްބައި ކަތިލުމުގެ ކަންކަން ކުރާ މީހުންނަށް ބަހާލަ އެވެ.

ޕާކިސްތާނުގައިވެސް އީދު ފެށިގެން އަންނަނީ އީދު ދުވަހު ހެނދުނު ހުރިހާ މިސްކިތްތަކެއްގައި އޮންނަ އީދު ނަމާދުންނެވެ.

އީދު ނަމާދު ނިމުމުން މި ޚާއްސަ ދުވަހުގައި އެންމެހާ ރައްޔިތުން ދީލަތިކަމާއެކު އެކަކު އަނެކަކާއި ސަލާންގަލާންކޮށް ހާލު އަހުވާލު އޮޅުންފިލުވައި އީދު މުބާރިކް ނުވަތަ އީދު ސައީދުގެ ހާއްސަ ސަލާމުން ސަލާމް ކުރުން އޮވެ އެވެ. އީދު ނަމާދަށްފަހު ސަގާފީ އެކިއެކި ކެއުންތައް ކެއުމަކީ ޕާކިސްތާނުގައި ވެސް ސަގާފަތެވެ.

މީގެ އިތުރުން ޕާކިސްތާންގައި ހާއްސަ ފޮނި ކާ އެއްޗެއް ކަމުގައިވާ ކިރާއި ވާމިސެލީ އަދި ހިކި މޭބިސްކަދުރު ފަދަ މޭވާތަކާއެކު ތައްޔާރުކުރާ ޝީރް ކުރްމާ ތައްޔާރުކުރުމާއި ހަލްވާ ޕޫރީ ތައްޔާރުކުރުމަކީ ބޮޑު އީދުގައި އެތައް ގަރުނެއް ވަންދެން ދެމިގެން އައިސްފައިވާ ވަރަށް މުހިންމު އާދަކާދަ އެކެވެ.

އީދުގައި ގޭގެ ކުދިންނަށް މައިންބަފައިން އެކުދިން ބޭނުންވާ ތަކެތި ގަތުމަށް ގިނަ ފައިސާ އެމީހަކަށް ދެވުނު ވަރަކަށް ދިނުމަކީވެސް ޕާކިސްތާނުގައި އޮންނަ އާދައެކެވެ. އަދި ތިމާގެ މީހުންގެ މަހާނަތަކަށް ޒިޔާރަތް ކުރުމާއި އަޅުކަން ކުރުމާއި އީދުގައި ބައިވެރި ނުވެވޭ ބަލި މީހުންނަށް ޒިޔާރަތް ކުރުމާއި ކެއުންބުއިމުގައި އުފާކުރުމަކީ އީދުގެ ހަފްލާގެ ތެރެއިންވާ އާދަކާދަތަކެވެ. އަދި މިޒަމާނުގައި ބޮޑެތި ބާބަކިއު ޕާޓީތައް ބާއްވައި މަހުގެ އެކި ކެއުންތައް ތައްޔާރުކޮށް އާއިލާއާއި ރައްޓެހިން އެއްތަނަކަށް ޖަމާވެ އަދި ދުރުގައި ތިބޭ އާއިލާގެ ފަރާތްތައްވެސް އާއިލާއަށް ޒިޔާރަތްކޮށް ހެދުމަކީވެސް އީދުގެ އުފާގެ ތެރެއިން ޕާކިސްތާންގައި ކުރާ ކަންކަމެވެ.

އެހެނިހެން މުސްލިމް ގައުމުތަކޭ އެއްފަދައިން ޕާކިސްތާނުގައިވެސް ބޮޑު އީދު ދުވަހު ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އައު ފޭރާން ލުމާއި އައްޒާލީގެ ވަރަށް ނަލަހެދި ޒީނަތްތެރިވުމަކީ މި މާތް ދުވަސް އުފަލާއި ހަމަޖެހުމާއެކު ފާހަގަކުރުމަށް ގެންގުޅެމުން އަންނަ ސަގާފަތެކެވެ.

އަދިވެސް ގާތް ތިމާގެ މީހުންނާއި ރައްޓެހިން ގެއަށް ޒިޔާރަތް ކުރުމަށް ދައުވަތުދީ އީދުގެ ކެއުމުގައި ބައިވެރިކޮށް ހެދުމަކީވެސް އީދުގައި ޕާކިސްތާނުގައި އޮންނަ އާދަކާދަ އެކެވެ. އަދި ގޭގެއަށް ޒިޔާރަތް ކުރުމާއި ގާތްތިމާގެ ލޯބިވާ މީހުންނާއި ރައްޓެހިންނަށް ހަދިޔާބަދިޔާ ބަދަލުކުރުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ މުހިންމު އާދަކާދަ އެވެ.