އީދު ފާހަގަ ކުރުން

އިންޑޮނީޝިއާ އާއި ބޮޑު އީދު

ދު ނިޔޭގައި އެންމެ ބޮޑު އިސްލާމީ އާބާދީއެއް އޮންނަ އިންޑޮނީޝިއާ އަށް އީދުލް އަޟްހާ ނުވަތަ ބޮޑު އީދަކީ މުޅި ގައުމަށް އަންނަ އެންމެ އުފާވެެރި މުނާސަބަތެވެ. އީދުގެ މިދުވަސްތައް ފާހަގަކުރާއިރު އިންޑޮނީޝިއާ މީހުން އީދު ފާހަގަކުރާ ގޮތްތަކުގައި ހުރި ތަފާތުތަކާއި ހާއްސަ ކަންކަމަށް ބަލާލުމަކީ މުހިއްމު ކަމެއް ކަމަށް ދެކެމެވެ. އިންޑޮނީޝިއާގައި އީދު ފާހަގަކޮށް އުޅޭ އަށް ގޮތެއް އޮވެ އެވެ.

ގުރެބެގް ގުނުންގަން

ގްރެބެގް ގުނުންގަން އަކީ އިންޑޮނީޝިއާގައި އެންމެ އާންމުކޮށް އަޟްހާ އީދު ފާހަގަކޮށް އުޅޭ ގޮތެވެ. މި ބާވަތަށް އީދު ފާހަގަކުރުން އެންމެ އާންމުކޮށް އޮންނަނީ އިންޑޮނީޝިއާގެ ޔޮގްޔަކާޓާ ގައެވެ. މި އާދަކާދަ އޮންނަ ގޮތުން އެ ތަނެއްގެ ބަޔަކު އުފައްދާ އެންމެހާ ކާބޯތަކެތި އެއްކުރުމަށްފަހު އެތަކެތި ބޭނުންކޮށްގެން ފަރުބަދައަކަށްވާހެން އަތުރަ އެވެ. މިއަށް އެމީހުން ކިޔަނީ ގުނުންގަން އެވެ. ގުނުންގަން ސަގާފީ ތަރިކައެއްގެ ގޮތުގައި އެއަށްފަހު ދެމިގެން އާދެ އެވެ.

މިތައްޔާރު ކުރުމަށްފަހު މުޅި ރަށުތެރޭގައި ގުނުންގަންއާ އެކު ދިގު ހިނގާލުންތައް އޮވެ އެވެ. މިހިނގާލުންތައް މުޅި ރަށުތެރޭގެ އިތުރުން ރިޔާސީ ގަނޑުވަރާ ހަމައަށް ބޭއްވުން އޮވެ އެވެ. އަދި ހިނގާލުން ނިމުމަށްފަހު އޭގައި ހިމެނޭ ކާބޯތަކެތި ނެގުމުގެ ފޯރިއެއް އެތަންތަނަށް އެއްވާ މީހުންގެ ތެރޭގައި އޮވެ އެވެ. އެއިން ކާބޯ ތަކެތި ލިބުމަކީ ކުރިއަށް އޮންނަ އަހަރަށް ދާންދެން ނަސީބު އަތުގައި ހިފާކަމެއް ކަމުގައި ގަބޫލުކުުރުމަކީވެސް އޮންނަ އާދައެކެވެ.

މަންޓެން ސަޕީ

މަންޓެން ސަޕީ އަކީ އިރުމަތީ ޖާވާގައި އަޟްހާ އީދު ފާހަގަކުރުމަށް އޮންނަ ސަގާފީ ހަރަކާތެވެ. މިކަން ކުރިއަށް ގެންދާ ގޮތަކީ ކަތިލުމަށް ތައްޔާރުކުރާ ގެރިތަކެއް ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރަށުތެރޭގައި އެ ގެރިތައް ހިންގުވާ އޭގެފަހުން އެތަކެތި ކަތިލުމެވެ.

ގަމެލަން ސެކަތެން

ގަމެލަން ސެކަތެން އަކީ އީދު ނަމާދަށްފަހު ސަގާފީ މިއުޒިކް ސާމާން ބޭނުންކޮށްގެން ކުޅޭ މިއުޒިކެކެވެ. އީދު ނަމާދަށްފަހު މި ކުޅިވަރުގައި ބައިވެރިވުމަކީ އިންޑޮނީޝިއާގެ ސިރެބޮން އަދި ސުރަކާތާ ޕެލަސްގައި އޮންނަ ސަގާފީ އާދައެކެވެ.

ކައުލް ނެގްރީ އަދި އަބްދައު

ކައުލް ނެގްރީ އަދި އަބްދައުގެ ހަރަކާތަތަކީ އިންޑޮނީޝިއާގެ މަލުކޫގެ މެދުތެރޭ ހިސާބުގައި ކުރިއަށް ގެންދާ ކަމެކެވެ. މިކަމަކީ އަޟްހާ އީދު ދުވަހުގެ ކުރީ ދުވަހު ކުރިއަށް ގެންދާ ހަރަކާތެކެވެ. މިކަމުގެ ތެރޭގައި ކަތިލުމަށް ބޭނުންކުރާނެ ތިން ބަކަރި ދީނީ ލީޑަރަކު އުފުލާލައިގެން ގެންދާނެ އެވެ. މިކަންވެސް މުޅި ރަށުތެރޭގައި ކުރިއަށް ގެންދާނީ ހިނގާލުމެއްގެ ތެރެއިންނެވެ.

ޓޯރޮން

ޓޮރޮން އަކީ އިންޑޮނީޝިއާގެ އިރުމަތީ ޖާވާގެ މަދޫރާގައި އޮންނަ ކަމެކެވެ. އީދަށްޓަކައި މަދޫރާގައި އެ ރަށު މީހުންތައް ދުރު ތަންތަނުގައި ތިބެފައި ރަށަށް އަންނަ އައުމަށް ޓޮރޮންއޭ ކިޔަ އެވެ. އެމީހުން މިކަން ކުރަނީ އީދަށް ރަށަށް އައިސް ގާތް ތިމާގެ މީހުންނާ އެކު އާއިލީ ވަގުތު ހޭދަކުރުމަށެވެ.

އަޕިޓަން

މިކަމަކީ އިންޑޮނީޝިއާގެ ސެންޓްރަލް ޖާވާގެ ސެމަރަންގްގައި އަޟްހާ އީދު ފާހަގަކުރުމަށް އެރަށުގެ ރައްޔިތުންގެ ސަގާފީ އާދައެއްގެ ތެރޭގައި ހކުރާ ކަމެކެވެ.

އަޕިޓަންއާއި ގްރެބެގް ގުނުންގަން އާއި ދާދި އެއްގޮތް ކަންތައްތަކެއް ހުރެ އެވެ. ނަމަވެސް އަޕިޓަން ހަރަކާތުގައި އެއްކުރާ ކާބޯތަކެތީގެ އަދަދު ގްރެބެގް ގުނުންގަން ހަރަކާތަށް ވުރެ މަދެވެ. އަދި ތައްޔާރުކުރާ ގުނުންގަންވެސް ސައިޒުން ކުޑަ އެވެ.

އަޕިޓަން އަކީ ރަށުތެރޭގައި ދީނީ ލީޑަރެއް އެ ހިފައިގެން ބާއްވާ ހިނގާލުމެކެވެ. އަދި އެ ހިނގާލުމުގައި ތަކްބީރު ކިޔުމާއި ދުއާތައް ކުރުން އޮވެ އެވެ.

އަޗޭރާ ކަލަމްޕައޮންގް

އިންޑޮނީޝިއާގެ ދެކުނުގެ ސުލަވޭސީގެ ގޯވާގައި އޮންނަ އަޟްހާ އީދު ފާހަގަކުރުމުގެ މި ހަރަކާތުގައި ގޯވާ ރޯޔަލް ޕެލަސްގައި ހުންނަ ޝާހީ ހާއްސަ ތަކެތި ދޮވެ ސާފު ކުރުމުގެ ތެރެއިން މިހަރަކާތް ފަށަ އެވެ. އަޟްހާ އީދުގެ ދެ ދުވަސް ކުރިން މި ހަރަކާތް ފަށާނީ ދީނީ ގޮތުން އިސް ބޭފުޅަކު އިސްވެ ހުންނަވައިގެންނެވެ.

މެއުގަންގް

އިންޑޮނީޝިއާގެ އުތުރުގެ ސުމަޓްރާގެ އަޗޭ ސަރަހައްދުގައި ކުރިއަށް ގެންދާ މެއުގަންގް އަކީ އަޟްހާ އީދު ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގައި ހިމެނޭ އެންމެ މަގުބޫލު ހަރަކާތެވެ. މެއުގަންގް، ނައަމް ސޫފީގެ މަސްތަކުން ތައްޔާރުކޮށް ގިނަ ބަޔަކު ބައިވެރިވެގެން އީދުގައި ކުރިއަށް ގެންދާ ބޮޑު ކެއުމެއްގެ ގޮތުގައި މިކަން ކުރިއަށް ގެންދެ އެވެ.

މިކަން ކުރަނީ ޔަތީމު ކުދިންނާއި އީދު ފާހަގަކުރުމަށް ގުރުބާން ކުރާނެ ސޫފިތައް ގަނެވޭނެފަދައެއް ނެތް މީހުންނަށް އީދުގެ އުފާ ހޯދައިދީ ސަދަގާތް ކުރުމަށެވެ. މިއީ އަޗޭގައި އެއްމެން އެއްބައިކުރުވާ އަދި އީދުގެ އުފާ އެންމެންނަށް ހޯދައިދޭ އިޖުތިމާއީ ބޮޑު ހަރަކާތެކެވެ.