އިންޑޮނޭޝިއާ

އިންޑޮނީޝިއާގެ އާ ވެރިރަށް: މުސްތަގުބަލްގެ އުއްމީދު

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާ އަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސިޓީތަކުގެ ތެރެއިން އެއް ސިޓީ އެވެ. ނަމަވެސް މި ސިޓީ އަކީ މީހުން ދިރިއުޅުމަށް އިންތިހާއަށް ދަތިވެފައިވާ ސިޓީ އެކެވެ. ޖަކާޓާގެ އެންމެ ބޮޑު އެއް މައްސަލައަކީ ކިރިޔާ ވާރޭކޮޅެއް ވެހުނު ނަމަވެސް މުޅި ސިޓީގައި ފެން ބޮޑުވެ ދިރިއުޅުން ވޭނަކަށް ވުމެކެވެ.

އިންޑޮނީޝިއާގެ ކަމާ ގުޅޭ އިދާރާތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ޖަކާޓާގެ ބިންގަނޑުވެސް ދަނީ އަހަރުން އަހަރަށް ތިރިވަމުންނެވެ. އެގޮތުން އަހަރަކު 25 ސެންޓިމީޓަރަށް ޖަކާޓާ އަޑިއަށްދާ ކަމަށްވެސް ވެއެވެ.

މިފަދަ އެތައް ސަބަބުތަކެއް ހުރުމާ ގުޅިގެން އިންޑޮނީޝިއާ ސަރުކާރުން ވަނީ އާ ވެރިރަށެއް ބިނާކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި ރަށަށް ކިޔަނީ ނުސަންތަރާ އެވެ. މި ރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއަށް 35 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ނުސަންތަރާ އަކީ ބޯނިއޯ ޖަޒީރާގައިވާ ސިޓީ އެކެވެ. މި ސިޓީ ބިނާކުރަނީ ޖަކާޓާއާ އަޅާބަލާއިރު ވަރަށް ތަފާތު ގޮތަކަށް އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށެވެ. އެގޮތުން މި ސިޓީ އަކީ ފެހިކަން ގަދަ ރަށަކަށް ހެދުމަށްޓަކައި ގިނަ އަދަދެއްގެ ގަސް އިންދުމަށް ހަމަޖައްސާފައިވެ އެވެ. މި ސިޓީގައި ހުންނަ އިމާރާތްތައްވެސް ހަދަނީ ސޯލާ ޕެނަލް ބޭނުންކޮށްގެން ހަކަތައިގެ ބޮޑު ބައެއް ބޭނުންކުރާ ގޮތަށެވެ.

ނުސަންތަރާ އަކީ ވަރަށް ބޮޑު ސިޓީ އެކެވެ. އެގޮތުން މި ސިޓީގެ ބޮޑުމިނަކީ 256,000 ހެކްޓަރެވެ. މިއީ އެމެރިކާގެ ނިއުޔޯކުގެ ބޮޑު މިނަށް ބަލާނަމަ އެއަށް ވުރެ ތިން ގުނަ ބޮޑު ސިޓީ އެކެވެ.

އިންޑޮނީޝިއާ ސަރުކާރުން މިނުސަންތަރާ ތަރައްގީކުރަނީ 1.9 މިލިއަން މީހުން ދިރިއުޅޭނެ ކަމަށް ބަލައިގެންނެވެ. މި ސިޓީ ބިނާކުރުމުގެ މަސައްކަތް 2022 ވަނަ އަހަރުގެ އޮގަސްޓް މަހު ފަށާފައިވާއިރު މަސައްކަތުގެ ފުރަތަމަ ފިޔަވަހި މިމަހުގެ ނިޔަލަށް ނިންމާލާނެ އެވެ. ނުސަންތުރާ ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާ ގާތްގަނޑަކަށް ނިމިފައިވާތީ މިރަށުގައި މިހާރުވެސް ވަނީ ސަރުކާރުގެ މަސައްކަތްތައް ފަށާފަ އެވެ. އެގޮތުން އިންޑޮނީޝިއާގެ ރައީސް މިހާރު ދިރިއުޅުއްވަނީ އަަދި މަސައްކަތް ކުރައްވަނީ ނުސަންތުރާގައި ކަމަށް އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.

ނުސަންތަރާ އަކީ މިހާރު އިންޑޮނީޝިއާގެ މުސްތަގްބަލުގެ އުއްމީދެވެ. މި ސިޓީ ބިނާކުރުމުގެ ފަހަތުގައި ޖަކާޓާގެ އާބާދީ ކުޑަކުރުމުގެ މަގުސަދެއް ވެސް ވެއެވެ. ޖަކާޓާގައި މިހާރު ގާތްގަނޑަކަށް 10 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކަމަށްވެ އެވެ.

އިންޑޮނޭޝިއާ ސަރުކާރުން ރާވާފައިވަނީ ޖަކާޓާގެ އުތުރުން ގާތްގަނޑަކަށް 870 މޭލު ދުރުގައި އޮންނަ ބޯނިއޯގެ އިރުމަތީ އައްސޭރީގައި ތަރައްގީކުރަމުންދާ އެ ގައުމުގެ އާ ވެރިރަށް -- ނޫސަންތާރާއަށް 2045 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރުގެ ހުރިހާ މަސައްކަތްތަކެއް ބަދަލުކުރުމަށެވެ.