ހަބަރު

ދައުވާއަށް ޝުމްބާ އިންކާރު، ޝަރީއަތް ނިމެންދެން ބަންދު

މީހަކަށް މަރުގެ އިންޒާރުދިން ކަމުގެ ދައުވާއަށް ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހުމަދު އަޝްރަފް، (ޝުމްބާ ގޮންގް) އިންކާރުކޮށްފި އެވެ. މިއަދު ބޭއްވި މައްސަލައިގެ އަޑުއެހުމެއްގައި ވަނީ ޝަރީއަތް ނިމެންދެން ފުލުހުންގެ ބަންދުގައި ޝުމްބާ ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ޝުމްބާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ، ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުއަށް އެކި ފަހަރު މަތިން ފޯނުންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށެވެ. އެކަމަށް ޝުމްބާ ވަނީ އިންކާރުކޮށްފަ އެވެ.

ޝުމްބާގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ޝުމްބާ، ލަންކާއިން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަވަހާރަކޮށްލައްވަން ރިޔާސީ ލޯންޗްކޮޅަށް ދިން ހަމަލާގެ ތަހުގީގަށެވެ.

ޝުމްބާ އަކީ ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބަށް ސަޕޯޓްކޮށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކަމުން އައި މީހެކެވެ. އާންމުކޮށް ވެސް ކޮލަމްބޯގައި ދިރިއުޅޭ ޝުމްބާ އާއި ނައިބު ރައީސްއާ ބޮޑެތި ގުޅުންތަކެއް އޮންނަ ކަމަށް އަބަދުވެސް ތުހުމަތު ކުރެވެ އެވެ. އެގޮތުން ނައިބު ރައީސް ހިންގެވި ކަމަށް ތުހުމަތު ކުރާ އެކި ޖަރީމާ ތަކުގައި ޝުމްބާ ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތު ކުރެވެ އެވެ.

ޝުމްބާ ހައްޔަރުކޮށްފައި ވެސް މި ވަނީ އޭނާ ރާއްޖެ އައުމަށް އިންކްއަރީ ކޮމިޝަނުން ކުރި އިލްތިމާސްއަށް ގޮންޖަހައި އޭނާ ހައްޔަރު ނުކުރެވޭނެ ކަަމަށް ބުނެފައިވަނިކޮށެވެ.

ރިޔާސީ ލޮންޗްކޮޅުގެ ހަމަލާއާ ގުޅިގެން އިންކްއަރީ ކޮމިޝަނުން ހޯދުމަށް އިއުލާންކުރި އަށް މީހުންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ޝުމްބާ އެކަންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިގެން ފުލުހުން ހޯދާ އެންމެންނަކީ ވެސް ކުރީގެ ނައިބު ރައީސްއާ ވަރަށް ގާތް މީހުންނެވެ.