ހަބަރު

އާ މަޝްރޫއުތަކާ އެކު ޖޫން މަހު ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާނަން: ރައީސް

Feb 8, 2016

އަންނަ ޖޫން މަހުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައި ވަނީ 27 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ހޮޅުދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުމާއި ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ނިމުން ފާހަގަ ކުރުމުގެ ގޮތުން ހޮޅުދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދައުލަތުގެ އާމްދަނީ އަށާއި ހަރަދުތަކަށް ބަލައި އަންނަ ޖޫން މަހުގެ ތެރޭގައި ސަޕްލިމަންޓްރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ބަޖެޓްގައި އަތޮޅުތަކަށް ހާއްސަ ގިނަ މަޝްރޫއުތަކެއް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ހޮޅުދޫގެ ފެން ހިންދާ ނިޒާމުގެ މަޝްރޫއުގެ ކަންތައްތައް ހިމަނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މަޝްރޫއުތަކުގެ ވާހަކަ ދައްކާ އިރު އަޅުގަނޑުމެން ވިސްނާލަން ޖެހޭ އަޅުގަނޑުމެންގެ ދައުލަތުގެ ތަނަވަސްކަމަށް އެއާ އެއްވަރަށް މަސައްކަތްތައް ކުރިއަށް ގެންދަން. އެގޮތުން އަޅުގަނޑުމެން ސަރުކާރުން އާ މަޝްރޫއުތަކާ އެކު ޖޫން ހާތަނުގައި މަޝްރޫއުތަކާ އެކު ސަޕްލިމަންޓްރީ ބަޖެޓެއް އަޅުގަނޑުމެން ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

ހޮޅުދޫގައި ހިންގި ދެ މަޝްރޫއުގެ އަގު 75 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އަމާންކަން ގެނައުމަށް ކަމަށެވެ. އަދި އެންމެންނަށް ވެސް އިހުތިރާމު ކުރާ މުޖުތަމައެއް އާލާކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަރައްގީގެ މަޝްރޫއުތަކެއް ކިތަންމެ ވަރަކަށް ހިންގި ނަމަވެސް، އެކަންކަން ދެމެހެއްޓޭނީ އަމާންކަން ދަމަހައްޓައިގެން ކަމަށެވެ. މީގެ ކުރިން ކިތަންމެ ރަށެއްގައި ކަރަންޓް ކޭބަލް ވަޅުލި ނަމަވެސް އެކި ކަންކަމާ ހުރެ އޭގެން ގިނަ ކޭބަލްތައް ބުރިކޮށް ހަލާކުކޮށްލި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން 24 ގަނޑިއިރު ޔަގީން ކުރުމަށް މި ސަރުކާރަށް ބޮޑެތި މަސައްކަތްތައް ކުރަން ޖެހުނު ކަމަށް ރައީސް ވިދާޅުވި އެވެ. ކުށް މަދުވެއްޓެއް އާލާކުުރުމަށް އެންމެ އެކުގައި މަސައްކަތް ކުރުމަށް ރައީސް ގޮވާލެއްވި އެވެ.

"ޖަލުތައް ބިނާކޮށްކޮށް އަޅުގަނޑުމެން ތިބޭނީތޯ ނޫނީ، އަޅުގަނޑުމެން ކުށްމަދު ކުރަން ގޮތްތަކެއް ރާވާނީތޯ މިއީ އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް. މިހާރު މި އޮންނަ ގޮތަކީ ބަލީގެ ކުރިން ރައްކާތެރިވުން. އެގޮތުން ކުށްތަކުން މީހުން ދުރުކުރުމަށް އަޅުގަނޑުމެން ގުޅިގެން މަސައްކަތް ކުރަން އެބަ ޖެހޭ،" ރައީސް ވިދާޅުވި އެވެ.