އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން ޗައިނާއަށް ކުރައްވާ ދަތުރެއްގައި މި ހަފުތާގައި ފުރާވަޑައިގަންނަވާނެ އެވެ. ދަތުރު އޮންނާނީ ޖުލައިން 6 އިން 9 އަށެވެ.
ޖެނެޓް ޔެލެން ބީޖިންއަށް ވަޑައިގެން ޗައިނާގެ މާލީ ވަޒީރު އަދި މާލީ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ އެވެ.
އެމެރިކާގެ މާލީ ވަޒީރުގެ މި ދަތުރަކީ އެ ގައުމުގެ ރައީސް ކުރައްވާފައި އޮތް ވައުދެކެވެ. މިދިޔަ އަހަރު ނޮވެމްބަރުގައި އިންޑޮނީޝިއާގައި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބައިޑަން ބޭއްވެވި ބައްދަލުވުމެއްގައި -- ބައިޑަން ސަރުކާރު އިސް ވަޒީރުން ޗައިނާއަށް ވަޑައިގަންނަވާނެ ކަމަށް އޮތީ ވިދާޅުވެފަ އެވެ.
ޖެނެޓް ޔެލެން ޗައިނާއަށް ގެންދަވާ މައުލޫތަކުގެ ތެރޭގައި ދުނިޔޭގެ އިގުތިސާދި މެނޭޖްކުރުމާއި ދުނިޔޭގެ ތަރައްގީގައި ބައިނަލްއަގްވާމީ މާލީ އިދާރާތައް ހިއްސާވާ މިންވަރާއި އުސޫލުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.
އަދި އެމެރިކާ އާއި ޗައިނާއަށް ދުނިޔޭގެ އިގުތިސާދި ކޮޅަށް ބެހެއްޓުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ އެވެ.
އެމެރިކާގެ ފޮރިން މިނިސްޓަރު އެންތަނީ ބްލިންކެން ވެސް ވަނީ މިދާކަށް ދުވަހު -- ޖޫން 18 އިން 19 އަށް ޗައިނާއަށް ދަތުރެއް ކުރައްވާފަ އެވެ. އޭނާގެ މިދަތުރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ވެސް ބައްދަލުކުރެއްވި އެވެ.
އެންތަނީ ބްލިންކެންގެ މިދަތުރަކީ ކާމިޔާބު އަދި އުދާސްވެފައި އޮތް މި ދެ ގައުމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ޖައްސާލެވުނު ދަތުރެއް ކަމަށް ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭގެ ދެތިން ދުވަސް ފަހުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަކީ ޑިކްޓޭޓަރެއް ކަމަށް ސިފަކުރައްވައި ޖޯ ބައިޑެން ވާހަކަދެއްކެވުމުން މަސްރަހު ބަނަވެ ގުޅުން ޚަރާބުވި އެވެ.
އެމެރިކާ އާއި ޗައިނާގެ ގުޅުމުގައި ރެނދުއަލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މައިގަނޑު ސަބަބަކީ ޗައިނާ ބުނާ ގޮތުން އެ ގައުމުގެ ސިޔާސަތަށް އެމެރިކާ އެއްވެސް ވަރަކަށް އިހުތިރާމް ނުކުރުމެވެ.
އެމެރިކާ ބުނާ ގޮތުން ދުނިޔޭގެ ސިޔާސަތުގައި ޗައިނާ ނުރުހުނެއް ކަމަކު އެމެރިކާއަށް އޮތް ވާޖިބު އަދާކުރާނެ އެވެ. އަދި އެމެރިކާއަށް އެ ވަގުތަކު ފައިދާ އޮތް މަގަކުން ދަތުރުކުރާނެ އެވެ.