އަހުމަދު ސިޔާމް މުހައްމަދު

ސިންގަޕޫރުން ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

Jul 20, 2023
2

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުގެ ޕާސްޕޯޓު ސިންގަޕޫރުން ހިފަހައްޓައިފި އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުން ސިޔާމު މިދިޔަ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމުން ޕާސްޕޯޓު ހިފެހެއްޓީ ހިލްޓަން މައްސަލައިގަ އެވެ.

މިކަމާ ގުޅޭ ގޮތުން ސިޔާމުގެ ބަހެއް އަދި އެމްޑީއޭގެ ބަހެއް އަދި ވަނީ ނުލިބި އެވެ.

ސިޔާމުގެ ކުންފުނި -- ސަން ޓެރެވަލްސް އެންޑް ޓުއާޒް އާއި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން -- ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު މައްސަލަ ޖެހުނީ ސިޔާމުގެ ނ. އިރުފުށި ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސަން ކުންފުނިން ހިލްޓަންއާ އެކު ސޮއިކުރި އެއްބަސްވުން ސަން ކުންފުނިން 2013 ވަނަ އަހަރު ބާތިލުކުރުމާ އެކު އެވެ.

ސަން ކުންފުނީގެ ނިންމުމާ ގުޅިގެން ހިލްޓަން އިން ވަނީ ދެ ފަރާތުގެ އެއްބަސްވުމުގައިވާ ގޮތަށް ސިންގަޕޫރުގެ އާބިޓަރޭޝަނަށް މައްސަލަ ހުށަހަޅާފަ އެވެ. އާބިޓަރޭޝަނުން ނިންމީ ސަން ކުންފުނިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.

އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް ސަން ކުންފުނިން ފައިސާ ނުދެއްކުމުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހިލްޓަންގެ ފަރާތުންނެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ސަން ކުންފުނިން ދައްކަންޖެހޭ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ސަން ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ހިލްޓަންއަށް ފައިސާ ދައްކާއިރު ކުރިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށްވެސް ހުކުމްގައިވެ އެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ފަސްކުރުމަށް ހައިކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.