ސަން ގްރޫޕުގެ ވެރިޔާ އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ސިންގަޕޫރުގެ ހައިކޯޓުން ކޮށްފައިވާ ހުކުމަކާއި އެއްގޮތަށް އަމަލުކުރައްވާފައި ނުވާތީކަން އެނގިއްޖެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުން ސިޔާމުގެ ޕާސްޕޯޓު ހިފެހެއްޓީ ސިޔާމުގެ ކުުންފުނި -- ސަން ޓްރެވަލްސް އެންޑް ޓުއާސް އިން ހިލްޓަން އިންޓަނޭޝަނަލް މެނޭޖްމަންޓަށް ދައްކަން އެންގި ފައިސާތަކެއް ހުކުމާއި އެއްގޮތަށް ދައްކާފައިނުވާތީ އެވެ.
ސިޔާމުގެ ޕާސްޕޯޓު ހިފެހެއްޓީ މައްސަލައިގެ އަޑުއެހުމަކަށް ސިންގަޕޫރަށް ވަޑައިގަތުމުން މިދިޔަ ހޯމަ ދުވަހު އެވެ.
އެނގިފައިވާ ގޮތުން އެ މައްސަލައިގައި ސިޔާމުގެ މައްޗަށް އައީ ޖަލު ހުކުމެކެވެ.
ސިންގަޕޫރު ހައިކޯޓުގެ ހުކުމް ލިބިފައިނުވާތީ މިކަމުގެ ތަފުސީލު މައުލޫމާތު ނުލިބެ އެވެ.
ސިޔާމުގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު ފޮރިން މިނިސްޓްރީން ވަނީ ސިޔާމުއަކީ ކޮން ބޭފުޅެއްކަން ހާމަކޮށް ސިންގަޕޫރުގެ ވުޒާރާތަކަށް ލިޔުމެއް ފޮނުވާފަ އެވެ. މި ލިޔުމުގެ ކޮޕީއެއް ވަނީ އަވަސް އަށް ލިބިފަ އެވެ.
މި ލިޔުމުގައި ސިޔާމުއަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަމާއި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ އެއް މެމްބަރުކަން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމުގެ ވިޔަފާރި ކުރައްވާ ސިޔާމުއަކީ މި ވިޔަފާރީގައި ރާއްޖޭގައި އެންމެ ހަގު އެއް ބޭފުޅާ ކަމަށް މި ލިޔުމުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ސިޔާމުއަކީ ރާއްޖެއިން ރޫމޭނިއާ އަދި ކޮރެއާއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކޮންސުލްކަން މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.
ސިޔާމުގެ ކުންފުނި -- ސަން ޓެރެވަލްސް އެންޑް ޓުއާޒް އާއި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން -- ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު މައްސަލަ ޖެހުނީ ސިޔާމުގެ ނ. އިރުފުށި ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސަން ކުންފުނިން ހިލްޓަންއާ އެކު ސޮއިކުރި އެއްބަސްވުން ސަން ކުންފުނިން 2013 ވަނަ އަހަރު ބާތިލުކުރުމާ އެކު އެވެ.
ސަން ކުންފުނީގެ ނިންމުމާ ގުޅިގެން ހިލްޓަން އިން ވަނީ ދެ ފަރާތުގެ އެއްބަސްވުމުގައިވާ ގޮތަށް ސިންގަޕޫރުގެ އާބިޓަރޭޝަނަށް މައްސަލަ ހުށަހަޅާފަ އެވެ. އާބިޓަރޭޝަނުން ނިންމީ ސަން ކުންފުނިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.
އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް ސަން ކުންފުނިން ފައިސާ ނުދެއްކުމުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހިލްޓަންގެ ފަރާތުންނެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ސަން ކުންފުނިން ދައްކަންޖެހޭ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ސަން ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ހިލްޓަންއަށް ފައިސާ ދައްކާއިރު ކުރިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށްވެސް ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުގެ އެ ހުކުމް ފަސްކުރުމަށް ހައިކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.