ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމު މުހައްމަދުގެ ޕާސްޕޯޓު އިއްޔެގެ ވަގުތެއްގައި ސިންގަޕޫރުން ހިފެހެއްޓި ކަމަށް ބުނެފައި ވަނިކޮށް ސިޔާމު މިރެ ރާއްޖެ ވަޑައިގެންފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސަން ގުރޫޕްގެ ދަށުން ހިންގާ އެކި ކުންފުނިތަކުގެ އިސްވެރިންނާއި އެމްޑީއޭ އިސް ބޭފުޅުން ވަނީ ސިޔާމަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ސިޔާމުގެ ޕާސްޕޯޓް ހިފެހެއްޓީ ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009 ގައި ސަން ޓްރެވަލް އާއި ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު ސޮއިކޮށްފައި އޮތް އެއްބަސްވުން ސިޔާމުގެ ކުންފުނިން އުވާލުމާ ގުޅިގެން ދޭން ޖެހޭ ކަމަށް ބުނާ ފައިސާތަކެއްގެ މައްސަލައިގައެވެ.
ސިޔާމުގެ ކުންފުނި -- ސަން ޓެރެވަލްސް އެންޑް ޓުއާޒް އާއި ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން -- ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު މައްސަލަ ޖެހުނީ ސިޔާމުގެ ނ. އިރުފުށި ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސަން ކުންފުނިން ހިލްޓަންއާ އެކު ސޮއިކުރި އެއްބަސްވުން ސަން ކުންފުނިން 2013 ވަނަ އަހަރު ބާތިލުކުރުމާ އެކު އެވެ.
ސަން ކުންފުނީގެ ނިންމުމާ ގުޅިގެން ހިލްޓަން އިން ވަނީ ދެ ފަރާތުގެ އެއްބަސްވުމުގައިވާ ގޮތަށް ސިންގަޕޫރުގެ އާބިޓަރޭޝަނަށް މައްސަލަ ހުށަހަޅާފަ އެވެ. އާބިޓަރޭޝަނުން ނިންމީ ސަން ކުންފުނިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެއަށް ވަޑައިގަތުމަށް ސިޔާމަށް ހުއްދަ ލިބުނީ ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވާ، އެ އަޑުއެހުމުގައި ކުރިއަށް އޮތް ތިން މަސް ތެރޭގައި ފައިސާ ދެއްކުމަށް ސިޔާމުގެ ކުންފުނިން އެއްބަސްވުމުންނެވެ.
ސިޔާމު މިރޭ ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިންގަޕޫރުގައި އޭނާއަށް ދިމާވި ސީދާ މައްސަލައާ ގުޅޭގޮތުންވެސް އަދި ހިލްޓަންއާ އެކު ޖެހިގެން އުޅޭ މައްސަލައިގައިވެސް ވާހަކައެއް ނުދެއްކެވި އެވެ. ސިޔާމު ވިދާޅުވީ އެ މައްސަލަތަކުގައި ވާހަކަދައްކާނީ އޭނާގެ ގާނޫނީ ވަކީލުން ކަމަށެވެ.
ސިޔާމުގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް އިއްޔެ ބައެއް ނޫސްތަކުގައި ރިޕޯޓް ކުރި ނަމަވެސް ސިޔާމު މިރޭ ވަނީ އެ ވާހަކަ ދޮގުކުރައްވާފަ އެވެ. ސިޔާމު ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ބުނެ ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަަކަތަކެއް ކަމަށާއި އެފަދަ ވާހަކަ ލިޔާއިރު މިހާރަށް ވުރެ ބޮޑަށް ނޫސްވެރިން ޒިންމާދާރު ވާން ޖެހޭ ކަމަށެވެ.
ސިޔާމު ތުހުމަތުކުރެއްވި ގޮތުގައި އޭނާ ބަނދުނާމުކޮށް މީޑިއާގައި އިއްޔެ ހަބަރު ފެތުރީ "ދަ ޑިމޮކްރެޓްސް"ގެ ލީޑަރު އަޑީގައި ހުންނަވައިގެންނެވެ. ސިޔާމު ވަކި ބޭފުޅެއްގެ ނަން ވިދާޅުވެފައި ނެތް ނަމަވެސް އޭނާގެ ތުހުމަތު އަމާޒުވަނީ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ބެލެވެ އެވެ.
"ކޮންމެވެސް ކުރުސޮރެއް ކިޔާ ހަސަން ކުރުސީ ކުރުސޮރެއް ކިޔާ މީހަކު ޓްވީޓް ކޮށްލީ. ޓްވީޓް ކޮށްލާފައި އަޅުގަނޑު މިހެނޭ އޮތީ. އެހެންވީމާ އެބޭފުޅުން ހިންގެވި ކަމެއް ކަމަށް އަޅުގަނޑަށް ބޮޑަށް ލަފާކުރެވެނީ." ސިޔާމު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ވާދަވެރިންނެއް ނެތް. ވާދަވެރިން ކުރަންޖެހޭ މަސައްކަތެއް ނޫން އެއީ ހަގީގަތާ ހިލާފަށް ޓްވީޓްކޮށް ހަގީގަތާ ހިލާފަށް ނޫސްތަކަށް ދީ މިކަން ކުރުމަކީ،،" ސިންގަޕޫރުގައި ސިޔާމަށް ދިމާވި މައްސަލަތަކަށް އިޝާރާތް ކުރައްވާ ސިޔާމު ވިދާޅުވި އެވެ.
ސިޔާމަށް ސިންގަޕޫރުގައި ދިމާވި މައްސަލަތަކުގެ ތެރެއަށް ދިވެހި ސަރުކާރު ވަން މައްސަލައިގައި ސިޔާމު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ކަމެއް ދިމާވި ނަމަވެސް އެކަމާ މެދު ސަރުކާރުން ވިސްނަންޖެހޭނެ ކަމަށެވެ.
ސިޔާމު ދައްކަން ޖެހޭ ކަމަށް ބުނާ ފައިސާ ދިވެހި ސަރުކާރުން ދައްކަ ދޭން އުޅޭ ކަމަށް ބުނާ ވާހަކަތައް ވެސް ސިޔާމު މިރޭ ދޮގުކުރެއްވި އެވެ. ސިޔާމު ވިދާޅުވީ އެ ފައިސާ ދައްކަން އޭނާ ސަރުކާރުގައި އެދިވަޑައިގެންފައިވެސް ނުވާނެ ކަމަށެވެ. އަދި އޭނާއަށް ބޭންކް ތަކުން ފައިސާ ދެނީ އޭނާގެ "ހިސްޓްރީ" އާއި "ރެޕިއުޓޭޝަނަށް" ބަލާފައި ކަމަށްވެސް ވިދާޅުވި އެެވެ.
"އަޅުގަނޑު ލާރި ހޯދަނީ ދުނިޔޭގެ އެކި ބޭންކްތަކުން. ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑަކީ ދުނިޔޭގެ ހުރިހާ ބޭންކްތަކަކުން ލާރި ނަގާފައި ހުރި މީހެއް. ޔޫރަޕިއަން ބޭންކް އެއީ 21 ގައުމު ހިމެނޭ ބޭންކްތަކެއް. އެ ބޭންކުން ވެސް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ ލާރި ނަގާފައި. އެގްޒިމް ބޭންކުން ވެސް ވަނީ ލާރި ނަގާފައި. އަދި ފްރާންސް ސަރުކާރުން ވެސް ވަނީ ލާރި ނަގާފައި،" ފައިސާ ހޯއްދަވާ ގޮތް ހިއްސާކުރައްވަމުން ސިޔާމު ވިދާޅުވި އެވެ.
ސިޔާމު މިރޭ ރާއްޖެ ވަޑައިގެންފައި މިވަނީ އޭނާގެ ޕާޓީ -- އެމްޑީއޭ އިން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކޯލިޝަން ހަދައި ކެމްޕޭން ފޯރީގައި ފަށާފައި ވަނިކޮށެވެ.