ސިންގަޕޯ އެއާލައިންސް

ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ދަތުރު އިތުރުކުރަނީ

Dec 19, 2021

ސިންގަޕޯ އެއާލައިންސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

އެ އެއާލައިނުން ރާއްޖެއަށް މިހާރު ދަތުރުތައް ކުރަނީ ހަފްތާ އަކު ހަތް ދަތުރެވެ. ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ހަފްތާ އަކު 10 ދަތުރުކުރުމަށް މިހާރު ނިންމާފައިވެ އެވެ.

ރާއްޖެއާއި ސިންގަޕޫރާ ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމަށް އެ އެއާލައިނުން ނިންމާފައި މިވަނީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ދިވެހިންނަށް ސިންގަޕޫރަށް ދެވޭ ގޮތަށް ހަމަޖައްސާފައި ވަނިކޮށެވެ.

އެގޮތަށް ހަމަޖެހިގެން ދިޔައީ ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވަލް ލޭނެއް (ވީޓީއެލް) ގާއިމުކުރުމުގެ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއި ކުރުމުންނެވެ.

ވީޓީއެލްގެ ސަބަބުން އެޗްޕީއޭ އިން ދޫކޮށްފައިވާ ކޮވިޑް 19 ޑިޖިޓަލް ވެކްސިން ސެޓްފިކެޓެއް އޮންނަ ކޮންމެ ދިވެއްސަކަށް ވެސް ކަނޑައެޅިފައިވާ ވީޓީއެލް ފްލައިޓްތަކުން ނެގެޓިވް ޕީސީއާރް ކޮވިޑް 19 ޓެސްޓް ނަތީޖާއާއި އެކު ދަތުރުކުރެވޭނެ އެވެ.

ކަރަންޓީން ވާން ނުޖެހޭ ގޮތަށް ސިންގަޕޫރަށް ދެވޭ ގައުމު ތަކުގެ ލިސްޓަށް ވެސް މިދިޔަ މަހުގެ ތެރޭގައި ރާއްޖެ އިތުރުކޮށްފައިވެ އެވެ.

ކޮވިޑްގެ ހާލަތު އެއްވަރެއްގައި ރާއްޖޭގައި ވަނީ ހިފަހައްޓާފަ އެވެ. ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން 396،358 މީހުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. ރާއްޖޭގައި ދިރިއުޅޭ އާބާދީގެ 366،165 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު 22،093 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހާފަ އެވެ.