ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ވެކްސިނޭޓެޑް ޓްރެވަލް ލޭން -- ވީޓީއެލް ގާއިމުކޮށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ސިންގަޕޫރަށް ދަތުރުކުރެވޭ ގޮތަށް އޮތް އޮތުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ސިންގަޕޫރު ސަރުކާރުން އެގޮތަށް ނިންމީ ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19ގެ އާ ވެރިއެންޓް -- އޮމިކްރޮންއާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.
ސިންގަޕޫރު ސަރުކާރުގެ މި ނިންމުމާ ގުޅިގެން މިރޭ 11:59 އިން ފެށިގެން ކުރިއަށް އޮތް ޖެނުއަރީ 20 ވަނަ ދުވަހުގެ ރޭގެ 11:59ގެ ނިޔަލަށް އެ ގައުމަށް ދަތުރުކުރާ ގޮތަށް ވީޓީއެލް އަށް ހާއްސަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުން ހުއްޓާލުމަށް ނިންމާފައިވެ އެވެ.
އެ މުއްދަތުގައިވެސް ޖެނުއަރީ 21ގެ ފަހުން ސިންގަޕޫރަށް ދަތުރުކުރާ ގޮތަށް ވީޓީއެލް އަށް ހާއްސަކުރެވިފައިވާ ފްލައިޓުތަކުން ޓިކެޓް ވިއްކުމަށާއި، ނަމަވެސް ވިއްކާ ޓިކެޓުގެ އަދަދު 50 ޕަސަންޓް މަދުކުރުމަށް ވެސް ސިންގަޕޫރު ސަރުކާރުން އަންގާފައިވެ އެވެ.
ސިންގަޕޫރު ގަޑިން މިރޭ 11:59ގެ ކުރިން ވީޓީއެލް ފްލައިޓުތަކުން ޓިކެޓް ނަގާފައިވާ، ވީޓީއެލްގެ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ކަރަންޓީނު ވުމާ ނުލައި ދަތުރު ކުރެވޭނެ ކަމަށްވެސް ނިންމުމުގައިވެ އެވެ.
މިފިޔަވަޅު ތަކަކީ ވީޓީއެލްގެ އިންތިޒާމު އެއްކޮށް ހުއްޓާލުން ނޫން ކަމަށާއި އޮމިކްރޮން ވޭރިއެންޓާ ގުޅިގެން މި ފިޔަވަޅުތައް މުރާޖައާ ކުރަމުން ގެންދާނެ ކަމަށްވެސް ސިންގަޕޫރުގެ ސަރުކާރުން ބުނެފައިވެ އެވެ.
ސިންގަޕޫރު ސަރުކާރުގެ ނިންމުމާ ގުޅިގެން ރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރަން ޓިކެޓް ނަގާފައިވާ ފަރާތްތަކާއި އެ ގައުމަށް ދަތުރުކުރަން ގަސްދުކުރާ ފަރާތްތަކުން މި ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.