ހަބަރު

ސިންގަޕޫރުގެ ފޮރިން މިނިސްޓަރާ ޝާހިދު ބައްދަލު ކުރައްވައިފި

Mar 8, 2019

ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ޑރ. ވިވިއަން ބާލަކްރިޝަނަންއާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަަދު ބައްދަލު ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ސިންގަޕޫރުގެ ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލު ކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ސަރުކާރުން ކުރައްވާފައިވާ ކަންކަމާއި އިސްކަންދެއްވާ ސިޔާސަތުތަކާއި ބެހޭ މައުލޫމާތު އެ ގައުމުގެ ފޮރިން މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގާތްގުޅުމާއި ބެހޭ ގޮތުން ދެ މިނިސްޓަރުން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށާއި ރާއްޖެއަށް މުހިންމު ބައެއް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓާ ބާލަކްރިޝްނަންގެ ވާހަކަފުޅުގައި ރާއްޖެއިން އަލުން ކޮމަންވެލްތާއި ގުޅުމަށް ނިންމި ނިންމުމަށް މަރުޙަބާ ދަންނަވާފައިވާ ކަމަށާއި ތިމާވެށީގެ ރޮނގުން ރާއްޖެއިން އިސްނަގަމުންދާކަމަށްޓަކައި އެކަމަށް ވެސް އެމަނިކުފާނު މަރުޙަބާ ދަންނަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.