ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމުތަކާ ގުޅުން ބަދަހިކުރަނީ އިގްތިސޯދަށް ފައިދާ ވާގޮތަށް: ރައީސް

ރާއްޖެއިން އަވަށްޓެރި ގައުމުތަކާއި އެދި އެހެނިހެން ގައުމުތަކާއި ވެސް ގުޅުން ބަދަހި ކުރާނީ ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ފައިދާ ލިބޭނެ ގޮތަކަށް ވިސްނައިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގެ ރައީސާ، ހަލީމާ ޔައުގޫބުުގެ ދައުވަތަކަށް ރައީސް ސޯލިހު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު އެ ގައުމުގައި ތިބި ދިވެހިންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ، ރާއްޖެއިން ގައުމުތަކާއި ގުޅުން އުފައްދާއިރު އެ ގުޅުމެއް އުފައްދަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ވެސް ހިމާޔަތް ކުރެވޭނެ ގޮތްތަކާމެދު ވެސް ވިސްނައިގެން ކަމަށެވެ.

"އަޅުގަނޑުމެން އަވަށްޓެރިންނާއި، ރާއްޖެއަށް ހެޔޮ އެދޭ ގައުމުތަކާއެކު ގުޅުންތަށް އުފައްދަނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތަށް. އަދި ރާއްޖޭގެ އިގްތިސޯދީ ތަރައްގީއަށް ފައިދާ ލިބޭ ގޮތްތަކަށް ވަރަށް ބޮޑަށް އިސްކަންދީގެން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ދުވަހުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދެވަނީ ގިނަ ގައުމުތަކާއި ގުޅުން ބަދަހިކޮށް ރާއްޖޭގެ ހާރިޖީ ގުޅުންތަށް ވަރުގަދަ ކުރަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ސިންގަޕޫރުގައި ތިިބި ދިވެހި ދަރިވަރުންނަކީ ވެސް ކުރިމަގުގައި ރާއްޖެ ކުރިއަރުވައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ބަޔަކަށްވުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

ރާއްޖޭ އާއި ސިންގަޕޫރުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދެ އެއްބަސްވުމެއްގައި މި ދަތުރުފުޅުގައި ސޮއި ކުރާ ގޮތަށް ހަމަޖެހިފައި ވެއެވެ.