ހަބަރު

މައުސޫމްގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުވައިފި

ދިވެހިރާއްޖެއިން ސިންގަޕޫރަށް އަލަށް ކަނޑައަޅުއްވި ސަފީރު ޑރ. ޢަބްދުﷲ މައުސޫމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާ މެޑަމް ހަލީމާ ޔަގޫބްއަށް އަރުވައިފި އެވެ.

ޑރ. މައުސޫމްގެ މަގާމުގެ ފަތްކޮޅު ސިންގަޕޫރުގެ ރައީސާއަށް އަރުވާފައިވަނީ، އެކަމަށް ހާއްސަކޮށްގެން ސިންގަޕޫރުގެ ރައީސާގެ ރަސްމީ ގެކޮޅު "އިސްތާނާ" ގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. ފޮރިން މިނިސްޓްރީން ބުނީ އެރަސްމިއްޔާތަށްފަހު ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުގެ މުނާސަބަތުގައި ސިންގަޕޫރުގެ ރައީސާ، ވަނީ ޑރ. މައުސޫމަށް ތަހުނިޔާ ދަންނަވައި ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފަ އެވެ.

ޑރ. ޢަބްދުﷲ މައުސޫމް ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ފަރާތްޕުޅުން ހެޔޮއެދުމާއި ތަހުނިޔާ ސިންގަޕޫރުގެ ރައީސާއަށް އަރިސްކުރައްވައި، ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދީފައި ކަަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޑރ. ޢަބްދުﷲ މައުސޫމް ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްްޔަނުކުރައްވާފައިވަނީ 18 ފެބްރުއަރީ 2019 އެވެ.