ހަބަރު

ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާ ރާއްޖެއަށް

Jul 14, 2019
7

ސިންގަޕޯ އެއާލައިންސްގެ ފްލީޓްގައި ހިމެނޭ އެންމެ ހިތްގައިމު ޖާގަ ބޮޑު ބޯޓު "ޑްރީމްލައިނާ" ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރު ވެއްޖެ އެވެ.

އޭވިއޭޝަން ހަބަރުތައް ގެނެސްދޭ ބައެއް ސައިޓުތަކުގައިވާ ގޮތުން ސިންގަޕޯ އެއާލައިންގެ ޑްރީމްލައިނާ 10-787 ފްލައިޓް ރާއްޖެއަށް ދަތުރު ކުރަން ފަށާނީ ރާއްޖޭގެ ޓޫރިޒަމްގެ މައި ސީޒަނާ ދިމާކޮށް އަންނަ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށަން މަގުފަހިވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި މަހު ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއި ކުރެއްވި އެއްބަސްވުންތަކާ ގުޅިގެނެވެ.

ސިންގަޕޫރުގެ ސީނިއަ މިނިސްޓާ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް ލެމް ޕިން މިން ވިދާޅުވެފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމަށް ވެސް ވިޔަފާރީގެ ރޮނގުން ފައިދާ ކުރާނެ ކަމަށެވެ.

ރާއްޖެ އަށް އުދުހެން ފަށާ ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާގެ ބިޒްނަސް ކްލާހުގައި 30 ކެބިން ހުރެ އެވެ. މި ކެބިންތައް ހާއްސަވާ އެއް ސަބަބަކީ ފްލައިޓަށް އެރުމުގެ ކުރިން ދުރާލާ ކެއުންތަކަށް ބުކިން ހައްދަން ފުރުސަތު ލިބުމެވެ. މި ފްލައިޓު "ބުކް ދަ ކުކް" ހިދުމަތް މެދުވެރިކޮށް ބޯޓަށް އެރުމުގެ ކުރިން ބޭނުންވާ ކެއުމަށް އޯޑަރު ދެވެ އެވެ.

މި ބޯޓުން އެއްފަހަރާ 335 މީހުންނަށް ދަތުރުކުރެވޭ އިރު ފްލައިޓުގައި ތިން ކްލާހެއްގެ ސީޓް ހުރެ އެވެ.

ސިންގަޕޯ އެއާލައިންސްއަކީ 1984 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ދަތުރު ކުރަމުން ގެންދާ އެއާލައިންއެކެވެ. މިހާރު ސިންގަޕޯ އެއާލައިންސްގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ސިލްކް އެއާ އާއި ފްލައި ސްކޫޓު ވެސް ރާއްޖެ އަށް ދަތުރު ކުރެ އެވެ.