އިމްޕޯޓް އެކްސްޕޯޓް

ނޮވެމްބަރުގެ އިމްޕޯޓް ހަތަރު ބިލިއަނަށް

ރާއްޖެއަށް މިދިޔަ ނޮވެމްބަރު މަހު ހަތަރު ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ ތެލަށް ކުރި ހޭދައާއެކު ނޮވެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގެވެ. ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެލަށް ކުރި ހޭދައާއެކު 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.

ތެލަށް ކުރި ހޭދަ ނުހިމަނައި ފާއިތުވި ނޮވެމްބަރު މަހު އިމްޕޯޓްކުރި މުދަލުގެ އަގަކީ 3.4 ބިލިއަން ރުފިޔާ އެވެ. ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުވެސް މި އަދަދު އުޅެނީ 3.4 ބިލިއަން ރުފިޔާގަ އެވެ.

ރާއްޖެއަށް މިދިޔަ ނޮވެމްބަރު މަހު އެންމެ ގިނައިން އިމްޕޯޓްކުރީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެ ގޮތުން 883 މިލިއަން ރުފިޔާގެ ކާބޯތަކެތީގެ ބާވަތް އިމްޕޯޓްކޮށްފައިވެ އެވެ.

އެންމެ ގިނައިން ދެން އެތެރެކުރީ މެޝިނަރީ އެވެ. ނޮވެމްބަރު މަހު 717 މިލިއަން ރުފިޔާގެ މެޝިނަރީ އެތެރެކުރިއިރު ޑީސަލް އާއި ޕެޓްރޯލް އަދި އޭވިއޭޝަން ގޭސްގެ ގޮތުގައި 582 މިލިއަން ރުފިޔާގެ ތެޔޮ އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއަށް އެންމެ އިން މުދާ އިމްޕޯޓްކުރީ ޔޫއޭއީ އިންނެވެ. އެގައުމުން އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރިއިރު ޗައިނާއިން 608 މިލިއަން ރުފިޔާގެ މުދާ އަދި އިންޑިއާއިން 582 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ.