ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ރައީސް އަހްމަދު ސިޔާމުގެ ކުންފުނި -- ސަން ޓެރެވަލްސް އެންޑް ޓުއާޒް އިން ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން -- ހިލްޓަން އިންޓަނޭޝަނަލްއަށް ދައްކަންޖެހޭ ކަމަށް އިންޓަނޭޝަނަލް އާބިޓަރޭޝަނުން ނިންމާފައިވާ ފައިސާ ނަގައިދިނުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން މިއަދު ނެރެފި އެވެ.
ހައިކޯޓުން މިއަދު މި އަމުރު ނެރުނީ މައްސަލަ ބައްލަވަން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު މުހައްމަދު ސަލީމާއި، ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެެވެ.
ހައިކޯޓުގެ އަމުރުގައި ބުނެފައިވަނީ މިމައްސަލައިގައި ސިވިލް ކޯޓުން ކުރިން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ހުއްޓުވުމުގެ އަމުރު ނުކޮށްފިނަމަ ސަން ކުންފުނީގެ މަސްލަހަތަށް އުނިކަން ލިބިދާނެ ކަމަށެވެ. އެހެންވެ ހައިކޯޓުން އަމުރުކުރީ ސަން ކުންފުނިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ދަށު ކޯޓުގެ ހުކުމާ މެދު ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ނުވަތަ ކޯޓުން އިތުރު ގޮތެއް ނުނިންމަނީސް ސިވިލް ކޯޓުގެ ނިންމުން ތަންފީޒުކުރުން ފަސްކުރުމަށެވެ.
ސަން އާއި ހިލްޓަންއާ ދެމެދު މައްސަލަ ޖެހުނީ ސިޔާމުގެ ނ. އިރުފުށި ހިންގުން ހިލްޓަންއާ ހަވާލުކުރުމަށް ސަން ކުންފުނިން ހިލްޓަންއާ އެކު ސޮއިކުރި އެއްބަސްވުން ސަން ކުންފުނިން 2013 ވަނަ އަހަރު ބާތިލުކުރުމާ އެކު އެވެ. ސަން ކުންފުނީގެ ނިންމުމާ ގުޅިގެން ހިލްޓަން އިން ވަނީ ދެ ފަރާތުގެ އެއްބަސްވުމުގައިވާ ގޮތަށް ސިންގަޕޫރުގެ އާބިޓަރޭޝަނަށް މައްސަލަ ހުށަހަޅާފަ އެވެ. އާބިޓަރޭޝަނުން ނިންމީ ސަން ކުންފުނިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދިނުމަށެވެ.
އާބިޓްރޭޝަންގެ ނިންމުމާ އެއްގޮތަށް ސަން ކުންފުނިން ފައިސާ ނުދެއްކުމުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހިލްޓަންގެ ފަރާތުންނެވެ. އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ ސަން ކުންފުނިން ދައްކަންޖެހޭ ފައިސާ 14 ދުވަހުގެ ތެރޭގައި ދެއްކުމަށް ސަން ކުންފުނީގެ މައްޗަށް ހުކުމްކޮށްފަ އެވެ. ހިލްޓަންއަށް ފައިސާ ދައްކާއިރު ކުރިން ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ދެއްކުމަށްވެސް ހުކުމްގައިވެ އެވެ.
ސިވިލް ކޯޓުގައި ސަން ކުންފުނިން ވަކާލަތު ކުރީ ބައިނަލްއަގްވާމީ އާބިޓްރޭޝަންގެ ނިންމުން ސިވިލް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ބުނެ އެވެ. ހިލްޓަންއާ އެކު އޮތް އެއްބަސްވުމަކީ ރާއްޖޭގެ އާންމު ސިޔާސަތާ ހިލާފަށް މަކަރާއި ހީލަތުން އޮޅުވާލައިގެން ހިލްޓަން އިން ހަދާފައިވާ އެއްބަސްވުމެއް ކަމަށްވެސް ސަން ކުންފުނިން ކޯޓުގައި ބުނެފައިވެ އެެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ސަން ކުންފުނިން ދައްކާ ވާހަކަތަކުގެ ގާނޫނީ ހުއްޖަތެއް ސަން ކުންފުންޏަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ބައިނަލްއަގްވާމީ އާބިޓްރޭޝަންގެ ނިންމުމެއް ސިވިލް ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ސަން ކުންފުނިން ބުނެފައިވާތީ ހުކުމްގައި ބުނެފައިވަނީ އާބިޓްރޭޝަންގެ ނިންމުންތައް ރާއްޖޭގެ ކޯޓުތަކަށް ބަލައިގަނެ އެފަދަ ނިންމުންތައް ތަންފީޒުކުރަން ކޯޓަށް އެންގޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.
އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް 221 އެނދުގެ އެ ރިސޯޓް މިހާރު ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލަ އަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގަ އެވެ.