ޖޭއެސްސީ

ރިހިވެލި މައްސަލަ: ހައިކޯޓުގެ ފަނޑިޔާރުންގެ މައްސަލައެއް ޖޭއެސްސީއަަށް

Oct 24, 2021
1

މާހަލް ޓްއާސްއާ ދެކޮޅަށް ސޭވް ދަ ޑްރީމް ކުންފުނިން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައާއި ގުޅިގެން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ.

ހައިކޯޓުގައި މިހާރު ކުރިއަށްދާ މި މައްސަލަ އަކީ ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ސޭވް ދަ ޑްރީމުން ރިހިވެލި ރިސޯޓު ހިންގަމުން ދަނިކޮށް މާހަލް އިން އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކުރި މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތަކެކެވެ.

ޖޭއެސްސީގެ ރައީސް ހިސާން ހުސައިނަށް އެޑްރެސްކޮށް ސޭވް ދަ ޑްރީމްގެ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ ދަށު ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިމަހުގެ 11 ވަނަ ދުވަހު ނިންމާފައިވާ ކަަމަށެވެ.

ހުކުމް ތަންފީޒުކުރުމުގެ ވަގުތީ އަމުރަކަށް އެދިފައި ވަނިކޮށް އެ ރިސޯޓު ހިންގުމާ އެހެން ކުންފުންޏަކުން ހަވާލުވެ އަލުން ހުޅުވަން ތައްޔާރުވެފައިވާ ކަމުގެ މެއިލްއެއް ލިބުނު ކަމަށްވެސް ސިޓީގައިވެ އެވެ. ރިހިވެލި ރިސޯޓު އަންނަ މަހުގެ 15 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެފައިވާއިރު، ވަގުތީ އަމުރެއް ނެރެދިނުމާއި މެދު އަވަހަށް ގޮތެއް ނިންމަވައިދިނުމަށް އެދި ކޯޓުގައި އެދިވަޑައިގަތް ނަމަވެސް އޭގެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ސިޓީގައިވާ ގޮތުން ނާޒިމް ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ސިޓީއަކަށް ވެސް ހައިކޯޓުން ޖަވާބު ދީފައެއް ނުވެ އެވެ. އަދި މައްސަލައާއި ގުޅޭ މައްސަލަތަކަށް އަވަސް ފަރުވާއެއް ލިބެންޖެހޭ ކަމަށް ތަކުރާރުކޮށް ހައިކޯޓުގެ ސަމާލުކަމަށް ގެނައި ނަމަވެސް އިޖާބަ ދީފައި ނުވާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން އެއީ ސުލޫކީ މައްސަލައެއް ކަމުގައި ދެކެވަޑައިގެން އެ މައްސަލަ ބައްލަވައިދެއްވުމަށް ނާޒިމް، ޖޭއެސްސީގައި އެދިވަޑައިގެންފައިވެ އެވެ.

ހައިކޯޓުގައި ރިހިވެލި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން މަޒީދު، އަލީ ސަމީރު އަދި ހުސައިން ޝަފީއު އެވެ.

ސިވިލް ކޯޓުން މި މައްސަލައިގައި ހުކުމްކުރުމުގެ ކުރިން މާހަލް ޓުއާސްއަށް ހުކުމް ލިބިފައިވާ ކަމަށް ތުހުމަތުކޮށް މީގެ ކުރިން ވެސް ސޭވް ދަ ޑްރީމްގެ ފަރާތުން ޖޭއެސްސީއަށް ސުލޫކީ މައްސަލައެއް ހުށަހެޅި އެވެ. އެކަމަކު އެ މައްސަލާގައި ސިވިލް ކޯޓުގެ ގާޒީ ހަސަން ނަސީރުގެ ސުލޫކީ މައްސަލައެއް ފާހަގަނުވާ ކަމަށް ޖޭއެސްސީން އޭރު ނިންމާފައިވެ އެވެ.

އަވަސް އަށް ލިބިފައިވާ ލިޔުންތަކެއްގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހު ރިސޯޓު ހުޅުވަނީ "ރިހިވެލި ރިސޯޓް މޯލްޑިވްސް"ގެ ނަމުގަ އެވެ. އިކޮނޮމިކް މިނިސްޓްރީގައި މި މަހުގެ ފަސްވަނަ ދުވަހު ބިޒްނަސް ނަމެއްގެ ގޮތުގައި އެ ނަން ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

ރިހިވެލި ދަ ޑްރީމްގެ ވެރިފަރާތަކީ މާހަލް ޓުއާސް ޕްރައިވެޓް ލިމިޓެޑެވެ. އެ ރިސޯޓު އަލުން ހިންގުމާ ހަވާލު ވަނީ ބީޗްއެކްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ހިއްސާވާ ކުންފުންޏެކެވެ.