ހައިކޯޓާއި ސިވިލް ކޯޓުގެ އިސް ފަނޑިޔާރުންގެ މަގާމަށް ބޭފުޅުން ހަމަޖައްސައިފި އެެވެ.
އެގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމީ ހައިކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު އެ ކޯޓުގެ އިސް ގާޒީގެ މަގާމަށް އަދި ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް އެ ކޯޓުގެ ގާޒީ މަރިޔަމް ވަހީދު ހަމަޖެއްސުމަށެވެ.
ޖޭއެސްސީ އިން ހައިކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ހުޅުވާލުމުން ފުރަތަމަ ފަހަރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލައްވަ އެވެ. ދެވަނަ ފަހަރަށް ކުރިމަތިލެއްވުމަށް ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ޝަހީދު އެކަންޏެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ހުޅުވާލުމުން މަރިޔަމް ވަހީދުގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރު ވެސް ކުރިމަތިލެއްވި އެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ހާތިފް ހިލްމީ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ މަގާމުގައި ކުރިން ހުންނެވި ގާޒީ އަހްމަދު ނިމާލް މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު އަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗެލާސް ޑިގްރީ އިން ޝަރީއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ ނޮވެމްބަރު 26، 2014 ގައެވެ. ފަނޑިޔާރު ޝަހީދުއަކީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ.
ހުސައިން ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރީ ޖުލައި 24، 2018 ގައެވެ.
ސިވިލް ކޯޓުގެ އިސް ގާޒީ އަކީ މަރިޔަމް ވަހީދު އަކީ ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި މޯލްޑިވްސް ކޮލެޖް އޮފް ހަޔަ އެޑިޔުކޭޝަންއިން ބެޗެލާސް އޮފް ލޯސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ސިވިލް ކޯޓުގެ ގާޒީ ކަމުގެ ހުވާ މަރިޔަމް ކުރެއްވީ އޭޕްރީލް 13، 2016 ގައެވެ. މަރިޔަމް ވަހީދު ވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފަ އެވެ.
މަރިޔަމް ވަހީދު ފަނޑިޔާރުކަމަށް ޢައްޔަންކުރެވުނީ ޖެނުއަރީ 8، 2013 ގައެވެ.