ޖޭއެސްސީ

ސިވިލް ކޯޓާއި ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ހުޅުވާލައިފި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.

ސިވިލް ކޯޓު ހިންގުން ވަގުތީ ގޮތުން ވަނީ އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއާ މިދިޔަ ސެޕްޓެމްބަރު މަހު ހަވާލުކޮށްފަ އެވެ. ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތު، ފަނޑިޔާރު ހުސައިން ޝަހީދުއާ ވަގުތީ ގޮތުން ހަވާލުކުރީ މިދިޔަ އަހަރު އެވެ. ހައި ކޯޓުގެ ހިންގުން ޝަހީދުއާއި ހަވާލުކޮށްފައިވަނީ ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ، ރިޓަޔާކުރެއްވުމަށް އެ ކޮމިޝަނަށް ހުށަހެޅުއްވުމުންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ވުމަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށާއި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީން ހުޅުވާލީ މިއަދު އެވެ. މިމަހުގެ 19 ވަނަ ދުވަހު މެންދުރު 12:00 ގެ ކުރިން މި މަގާމުތަކަށް ކުރިމަތިލުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް މި މަގާމުތަކަށް ހުށަހެޅޭނެ އެވެ.