ހައިކޯޓް

ހައިކޯޓުގެ އިސް ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ ޝަހީދު އެކަނި

ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ދެވަނަ ފަހަރަށް ހުޅުވާލުމުން އެއް ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހާތިފް ހިލްމީ ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން އިސް ފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވީ ފަނޑިޔާރު ހުސައިން ޝަހީދު އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންމެ ފުރަތަމަ ހުޅުވާލީ މިއަހަރުގެ މާޗް އެވެ. ނަމަވެސް 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކު އެ ފަހަރު އެ މަގާމަށް ކުރިމަތިލައްވާފައެއް ނުވެ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ޖޭއެސްސީ އިން ދެވަނަ ފަހަރަށް ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު އެވެ. މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ދެވަނަ ފުރުސަތުގައި އިސް ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވީ އެންމެ ބޭފުޅެކެވެ. އެއީ ފަނޑިޔާރު ޝަހީދު އެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ އަހްމަދު ނިމާލް މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެން ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށްވެސް ޖޭއެސްސީ އިން ހުޅުވާލި އެވެ. މުއްދަތު ހަމަވިއިރު މިމަގާމަށް ކުރިމަތިލެއްވީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާގެ އިތުރުން ގާޒީ ހާފިޒާ އަބްދުއްސައްތާރު އެވެ.