ހައިކޯޓް

ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ރަގަޅަށް: ހައިކޯޓު

މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމު)ގެ ޕާސްޕޯޓު ސިވިލް ކޯޓުން ހިފަހައްޓާފައި ވަނީ ރަގަޅަށް ކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު ސިޔާމުގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން އަމުުރު ނެރުނީ މިދިޔަ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު އެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ނ. މެދުފުށީގައި ހަދާފައިވާ އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލްއާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލްސް ކުންފުނިން ބާތިލްކުރި މައްސަލާގައި ހިލްޓަން އަށް 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކުމުންނެވެ.

ސިޔާމުގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލެއް ކަމުގައިވާ އައިމިނަތު ފާއިޒުގެ ޕާސްޕޯޓް ހިފެހެއްޓުމަށްވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

ސިޔާމްގެ ޕާސްޕޯޓު ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުން ކުރި ހުކުމަށް ބަދަލުގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ ކުންފުންޏަކުން ދައްކަން ޖެހޭ ސާބިތު ދަރަންޏެއް ނުދައްކާ އޮތް ހާލަތެއްގައި އެ ކުންފުނީގެ ޑިރެކްޓަރުންނަށް ރާއްޖެ ދޫކޮށް ނުފުރޭނެ ގޮތަށް ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ކުންފުނިތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އިރުފުށި ހިންގަން ހިލްޓަންއާ ހަވާލުކުރީ ފެބްރުއަރީ 24، 2009 ގައެވެ. އެ އެއްބަސްވުން ބާތިލްކުޮށްފައިވަނީ އޭޕްރީލް 2013 ގައެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ހިލްޓަންގެ ފަރާތުން މީގެކުރިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ވެސް ހުށަހެޅި އެވެ. އެ މައްސަލައިގައި އޮގަސްޓް 17، 2015 ގައި އާބިޓްރޭޝަނުން ނިންމީ ސަން ޓްލެވަލްސް އިން 24 މިލިއަން ޑޮލަރު ދެއްކުމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަންގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2020 ވަނަ އަހަރު ކޯޓުން ވަނީ ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރަންވެސް އަމުރުކޮށްފަ އެވެ.

ސިޔާމު، ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަވަމުން ގެންދަވާއިރު ސިޔާމުގެ މައި ކުންފުނީގެ ނަން "ސަން ސިޔާމު"ގެ ނަމަށް ބަދަލުކުރީ 2014 ވަނަ އަހަރު އެވެ. ދުއިސައްތަ އެކާވީސް އެނދުގެ އިރުފުށި ރިސޯޓު ވެސް މިހާރު ހިންގަމުން ގެންދަނީ ސަން ސިޔާމު ގުރޫޕުންނެވެ.