އަހުމަދު ސިޔާމް މުހައްމަދު

ޕާސްޕޯޓް ހިފެހެއްޓުމަކީ ސިޔާސީ ބޮޑު ޖަރީމާއެއް: ސިޔާމް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ހިފެހެއްޓި މައްްސަލަ ކުށްވެރިކޮށް އެއީ ސިޔާސީ ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިޔާމް ސިފަކުރައްވައިފި އެވެ.

ސިޔާމް މިފަދައިން ސިފަ ކުރެއްވީ އޭނާގެ ޕާޓީ މޯލްޑިވްސް ޑިމޮކްރެޓިކް އެލަޔަންސް(އެމްްޑީއޭ)އިން މިއަދު ޕޯސްޓް އޮފީހުގެ އޮޑިޓޯރިއަމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ.

ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައާ ގުޅިގެން ސިޔާމްގެ ކުންފުނި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަމުން ނުގެންދާަތީ އެވެ.

ސިޔާމް މިއަދު ވިދާޅުވީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓީ ގަވައިދާ ހިލާފަށް ކަމަށާއި އަދި މިއީ ނިންމި ސިޔާސީ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި މިއީ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނުފޫޒުން ސިވިލް ކޯޓުން ނިންމައިގެން އުޅޭ ނިންމުމެއް ކަމަށް އޭނާ ސިފަ ކުރެއްވި އެވެ.

ކޯޓުތަަކަށް ވަރަށް ބޮޑަށް ފާޑުކިޔައި ސިޔާމް އިތުރަށް ވިދާޅުވީ ސަދޫމްއާ ރާއްޖެއާ ތަފާތެއް ނެތް ކަމަށެވެ.

"ގާޒިން މި ތިބެނީ ގޭގައި. ޖޭއެސްސީން މި ލިއުއްވަނީ މި ހުކުމް މި ގޮތަށޭ ލިއުއްވަން ޖެހޭނީ. މި ގޮތަށް ހުކުމް ނުކޮށްފިއްޔާ ގާޒީ ގެއަށޭ ފޮނުވާލާނީ. މިއީތޯ ދިވެހި ރައްޔިތުންނަށް އިންސާފު ލިބެން ޖެހޭ ގޮތަކީ. ކަނޑައެޅިގެން މުތުލަގަށް ހިންގި ޖަރީމާއެއް މިއީ. އަޅުގަނޑުގެ ލޯޔަރުން ބުނަނީ. ހުރިހާ ލޯޔަރުން ވެސް ބުނަނީ. ކަނޑައެޅިގެން ގާނޫނު ގަަވައިދާ ހިލާފަށޭ ޕާސްޕޯޓް ހިފެހެއްޓީ. އަދި ހިފެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެއޭ" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ޖޭއެސްސީއަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވި އިރު ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާަގެ މެމްބަރު ހިސާން ހުސެއިންއާަ މިދިޔަ އަހަރު ގުޅުން ވަރަށް ބޮޑަށް ގޯސްވި އެވެ. އަދި ހިސާންއަކީ ދަންޖައްސަން ޖެހޭ ބޭފުޅެއް ކަމަށް ސިޔާމް ވިދާޅުވި މައްސަލައެއް ފެންމަތިވެ އެ މައްސަލަ ހިސާން މަޖިލީހަށް ވެސް ހުށަހެޅުއްވި އވެ. ނަމަަވެސް ދެ ބޭފުޅުން ފަހުން ވާހަކަ ދައްކައިގެން އެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމެވި އެވެ.

ސިޔާމް ވިދާޅުވީ އޭނާ އަކީ އެންމެ ގިނަ މުވައްޒަފުންނާއެކު އެންމެ ގިނަ ރިސޯޓް އެެނދާއެކު އެންމެ ގިނައިން ޓެކްސްވެސް ދައްކަވާ ބޭފުޅާ ކަމަށެވެ. އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ގަދަރުކުރާ ކަމަށާއި ނަމަވެސް ރާއްޖެއިން ފެންނަނީ އޭނާއާ ޒާތީ ގޮތުން ޖައްސައި އަނިޔާ ކުރަމުންދާތަން ކަމަށެވެ.

ސިޔާމުގެ އިތުރުން އޭނާގެ ކުރީގެ އަނބިކަނބަލެއް ކަމުގައިވާ އައިމިނަތު ފާއިޒުގެ ޕާސްޕޯޓް ހިފެހެއްޓުމަށްވެސް ކޯޓުން އަމުރުކޮށްފައިވެ އެވެ.

އިރުފުށި ހިންގަން ހިލްޓަންއާ ހަވާލުކުރީ ފެބްރުއަރީ 24، 2009 ގައެވެ. އެއްބަސްވުން ބާތިލްކުުރީ އޭޕްރީލް 2013 ގައެވެ.

އެއްބަސްވުން ބާތިލްކުރި މައްސަލަ ހިލްޓަންގެ ފަރާތުން މީގެކުރިން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ވެސް ހުށަހެޅި އެވެ. އެ މައްސަލައިގައި އޮގަސްޓް 17، 2015 ގައި އާބިޓްރޭޝަނުން ނިންމީ ސަން ޓްލެވަލްސް އިން 24 މިލިއަން ޑޮލަރު ދެއްކުމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރުމަށް ހިލްޓަންގެ ފަރާތުން ރާއްޖޭގެ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން 2020 ވަނަ އަހަރު ކޯޓުން ވަނީ ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރަން ވެސް އަމުރުކޮށްފަ އެވެ.

ސިޔާމު، ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަވަމުން ގެންދަވާއިރު ސިޔާމުގެ މައި ކުންފުނީގެ ނަން "ސަން ސިޔާމު"ގެ ނަމަށް ބަދަލުކުރީ 2014 ވަނަ އަހަރު އެވެ. ދުއިސައްތަ އެކާވީސް އެނދުގެ އިރުފުށި ރިސޯޓު ވެސް މިހާރު ހިންގަމުން ގެންދަނީ ސަން ސިޔާމު ގުރޫޕުންނެވެ.