މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓް ދޫކޮށްލަން ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިިފި އެވެ.
ސިޔާމްގެ ޕާސްޕޯޓް ހިފެހެއްޓީ ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައާ ގުޅިގެން ސިޔާަމްގެ ކުންފުނި ސަން ޓްރެވެލް އިން ހިލްޓަން އަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ދައްކަމުން ނުގެންދާަތީ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ބަހުސްގައި ޖާބިރު ވިދާޅުވީ އިންސާނާަގެ ޕާސްޕޯޓަކީ އެމީހެއްގެ އައިޑެންޓީޓީ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ އެ މީހުންގެ މުދަލާއި ފުރާނަ ހިފެހެއްޓުން ކަަމަށް ސިފަކުރެއްވި އެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ވިޔަފާރިވެރިންގެ މުދާ ހިފެހެއްޓުމަށް ފަނޑިޔާރުން ހުކުމް ކުރުމަކީ މައްސަލައެއް ކަމަށާއި އެކަން ހިނގަމުންދަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޒަމާނުގައި ހަދާފައިވާ އިޖުރާތްތަކުގެ ސަބަބުން ކަމަށެވެ.
އެހެންކަމުން ސިޔާމްއާައި އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ސަން ޓްރެވެލްގެ ޑިރެކްޓަރު އައިޝަތު ފާއިޒްގެ ޕާސްޕޯޓް ވެސް ވަގުތުން ވަގުތަށް ދޫކޮށްލަން ޖާބިރު ގޮވާލެއްވި އެވެ.
މީގެ ކުރިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި އެވެ. އަދި އެކަން ފާހަގަ ކުރައްވައި ޖާބިރު ވިދާޅުވީ މިއީ މިކަން ހިނގަން ވާނެ ގޮތް ނޫން ކަމަށެވެ.
"ފިލާ ރައްކާވެދާނެކަމުގެ ބިރަށް ސިޔާމްގެ [ޕާސްޕޯޓް ހިފެހެއްޓީ]. ސިޔާަމްއަކީ މި ރާއްޖޭގައި އޭނާގެ ވޯލްޑް [ހަދައިގެން އުޅޭއިރު] ކޮންތާކަަށްތޯ ފިލައިގެން ދާނީ. އޭނާ އުޅެނީ މި ވޯލްޑްގައި ނޫންތޯ. މި ވޯލްޑްގައި އޭނާގެ ޕާސްޕޯޓް ކެންސަލްކޮށްގެން ނުވާނެ. ޖާބިރުގެ ޕާސްޕޯޓް، ރައީސް ނަޝީދުގެ ޕާސްޕޯޓް ކެންސަލްކޮށްގެން ނުވާނެ" ޖާބިރު ވިދާޅުވި އެވެ.