އަބްދުﷲ ޖާބިރު

ގާޒީއަށް ފިޔަވަޅު އަޅަން ޖާބިރު ހުށަހަޅުއްވައިފި

Dec 22, 2021
5

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅުއްވައިދެއްވުން އެދިވަޑައިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޝަކުޗާ ހުށަހަޅުއްވައިފި އެވެ.

ގާޒީ މަރިޔަމް އަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ޖާބިރު ޖޭއެސްސީއަށް ސިޓީއެއް ފޮނުއްވާފައި މިވަނީ އެ ކޯޓުގައި ހިނގާ މައްސަލައެއްގައި ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުންނެވެ.

ޖާބިރު ސޮއިކުރެއްވުމަށްފަހު ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓުން، އޭނާ ކޯޓަށް ހާޒިރުކުރުމުގެ އަމުރު ނެރެފައި ވަނީ ޒާތީ ކަމެއްގައި ކަމަށެވެ. އެގޮތުން ކުންފުނިތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުއްޓައި ޗެއާމަން ހައްޔަރުކޮށްގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެ އަމުރު ނެރުނު ގާޒީއަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފަ އެވެ.

ޖާބިރު ވިދާޅުވީ މިއަދު ހެނދުނު އޭނާ ހައްޔަރުކުރީ ޖޮގިން ކުރައްވަން ހުއްޓާ ކަމަށާއި ހައްޔަރު ކުރީ ކުންފުންޏަކުން ދަރަނި ނުދައްކާ މައްސަލައެއްގައި އޮތް ކޯޓުގެ ހުކުމަކަށް ކަމަށެވެ.

ޖާބިރު ކޯޓަށް ހާޒިރުކުރީ މިއަދު ހެނދު 10:00 ޖެހިއިރު އެވެ. ކޯޓަށް ގެންދިއުމަށް ފަހު ފުލުހުން މިހާރު ވަނީ އޭނާ ދޫކޮށްލާފަ އެވެ.