އަބްދުﷲ ޖާބިރު

ޖާބިރުގެ މައްސަލަ އައިލެންޑް އޭވިއޭޝަނުން ފުލުހަށް ހުށަހަޅައިފި

މޯލްޑިވިއަންގެ ސީޕްލޭނެއްގެ ކްރޫއިންނަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބޭއަދަބީ ބަހުން މުއާމަލާތްކޮށް ބިރު ދެއްކި މައްސަލަ އައިލެންޑް އޭވިއޭޝަނުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މޯލްޑިވިއަންގެ ސީޕްލޭނެއްގެ ކްރޫއިންނަށް ޖާބިރު ބޭއަދަބީ ބަހުން މުއާމަލާތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޖާބިރާމެދު އަމަލުކުރާނެ ގޮތެއް ތަހުގީގަށްފަހު ނިންމާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ޖާބިރުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު ޖާބިރު ރައްޔިތުންނާ ބޭއަދަބީ ބަހުރުވައިން މުއާމަލާތްކޮށް މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ ކަމަށް ބުނެ އެމްޑީޕީން ވަނީ ޖާބިރު އެ ޕާޓީން ވަކިކޮށްފަ އެވެ.

އެމްޑީޕީން ޖާބިރު ވަކިކޮށްފައި މިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް ޕްރައިމަރީން އެމްޑީޕީގެ ޓިކެޓްވެސް ޖާބިރަށް ކަށަވަރުވެފައި ވަނިކޮށެވެ.