ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ކުރިމަތިވެފައިވާ މާލީ ހާލަތުގެ ސަބަބުން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން މިއަދުވެސް ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އެވެ. އޭނާ މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ މިމަހުގެ 20 ވަނަ ދުވަހުވެސް ސައީދު ވަނީ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. އެކަމަކު ކުރީ ދުވަހު ގޮތަށް މިއަދުވެސް ކުއްލި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮތް މަޖިލީހަށް ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އަށް މެންބަރުންނެވެ. މިމައްސަލަ ބަލައިގަތުމާ ދެކޮޅަށް 19 މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ މަޖިލީހުގެ ނިޒާމުން ބޭރުކޮށްފަ އެވެ.
ކުރީ ދުވަހުވެސް އަދި މިއަދުވެސް ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ އައިލެންޑް އޭވިއޭޝަނަށް 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓް ރިޕޯޓްތަކުން ހާމަވާ ކަމަށެވެ. އަދި މިދިޔަ އަހަރުވެސް އެ ކުންފުންޏަށް 159 މިލިއަން ރުފިޔާގެ ގެއްލުންވެ، ކުންފުނި މިއިން ޒަމާނަކުވެސް ދަރަނިވެރި ނުވާވަރަށް ދަރަނިވެރިވެފައިވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން ކުއްލި މައްސަލައިގައި ބުނެފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން 2020 ވަނަ އަހަރު މޯލްޑިވިއަން އިން 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގައި، މައި ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސްއަށް، އެސްބީއައި އިން ދޫކޮށްފައިވާ އޯވާ ޑްރާފްޓް ފެސިލިޓީގެ އަދަދު 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށެވެ.
މި ލޯންތައް ނެގުމަށް މޯލްޑިވިއަންގެ ހަ މަތިންދާ ބޯޓު ރަހުނުކޮށްފައިވާތީއާއި އެމްއޭސީއެލްއަށް 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަންޖެހިފައިވާތީ އައިލެންޑް އޭވިއޭޝަން މިހާރު ހިންގަމުންދަނީ ފިނޭންސް މިނިސްޓްރީން 18 މިލިއަން ރުފިޔާ އިތުރަށް ދީގެން ކަމަށްވެސް މައްސަލައިގައި ބުނެފައިވެ އެވެ.
އައިލެންޑް އޭވިއޭޝަންގެ ހާލަތު ދަށުދަރަޖައަކަށް ވެއްޓުމުގެ ސަބަބުން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގައި ޓެކްނިކަލް ގޮތުން ބައިނަލްއަގްވާމީ މިންގަނޑުތަކުން ދަމަހައްޓަންޖެހޭ އަދި ހިފަހައްޓަންޖެހޭ ކަންކަން ނުހިފެހެއްޓި ފަހަކަށް އައިސް މަތިންދާ ބޯޓުތަކަށް ގިނަ ޓެކްނިކަލް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ކުއްލި މައްސަލައިގައި ތުހުމަތުކޮށްފައިވެ އެވެ. މަތިންދާ ބޯޓުގެ ޓަޔަރުތައްވެސް ބަދަލުކުރަންޖެހޭ މުއްދަތަށް ބަދަލުނުކުރެވި ބައެއް ބޯޓުތައް ސްޕެއާ ނުލިބި ގުރައުންޑް ކުރުމުގެ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.