ރައްޔިތުންގެ މަޖިލީހަށް ޖަވާބު ދެއްވުމަށް ހާރިޒުކުރެވޭ ވަޒީރުންނަށް މައުލޫއާ ނުގުޅޭ ސުވާލު ކުރުމަށް ކުރިން ދެމުންދިޔަ ފުރުސަތު ރިޔާސަތުން ނުދިނުމުން މެންބަރުން މިއަދުގެ ޖަލްސާގައި ނުރުހުން ފާޅުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިހަވަންދިއްޕޮޅު ޓްރާންސްޝިޕްމަންޓް ބަނދަރާއި ބަންކަރިން ފެސިލިޓީއާ ގުޅޭ ގޮތުން ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ސުވާލު ކުރައްވާފަ އެވެ.
މިނިސްޓަރު ސައީދު އެ ސުވާލަށް ޖަވާބު ދެއްވުމުން އިތުރު ސުވާލުކުރުމުގެ ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ވަޒީރާ ކުރެވުނު ސުވާލާއި އަދި ދެއްވި ޖަވާބާ ގުޅުންހުރި ސުވާލު ކުރެއްވުމަށް މެންބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ނަމަވެސް ބައެއް މެންބަރުން މައުލޫއާ ނުގުޅޭ ސުވާލު ކުރެއްވުމުން އެ ސުވާލުތައް ބަލައިނުގަންނަ ކަމަށް އަސްލަމް ވިދާޅުވުމުން މެންބަރުން ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.
ނުރުހުން ފާޅުކުރެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ މެންބަރުންވެސް ހިމެނެ އެވެ.
ހިތްހަމަނުޖެހުން ފާޅުކުރެއްވި މެންބަރުން ވަނީ މައުލޫއާ ނުގުޅޭ ސުވާލުކުރުމަށް ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރިންވެސް ފުރުސަތު ދީފައިވާކަން ފާހަގަ ކުރައްވާފަ އެވެ.
މެންބަރުން ފާހަގަކުރެއްވީ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވިއިރު މައުލޫއާ ނުގުޅޭ ސުވާލު ކުރުމަށް ފުރުސަތު ދެއްވާފައިވާ ކަމެވެ.
އެކަމާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ ވަޒީރުންނާ ސުވާލު ކުރެވޭ ގޮތް ކަނޑައެޅިފައިވާ ކަމަށެވެ.
"މަޖިލީހުގެ ގަވާއިދުގައި އެކަންޏެއް ނޫން އަދި ވަޒީރުންނާ ސުވާލުކުރުމުގެ ވަކި ގާނޫނެއް، ހާއްސަ ގާނޫނެއް މި އިއްޒަތްތެރި މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް އަމަލުކުރަމުން އެބަދޭ. ގާނޫނާއި ގަވާއިދާ އަދި ގާނޫނުއަސާސީގައިވެސް ވަޒީރުންނާ ސުވާލުކުރެވޭ ގޮތް ބަޔާންކުރެވިފަ އެބަވޭ. އެހެންކަމުން މި ހަމަތަކުގެ ބޭރުން ވަޒީރުންނާ ސުވާލުކުރުމުގެ ޖާގަ އަޅުގަނޑަށް މި ގޮނޑީގައި އިނދެގެން އެ ފުރުސަތު އަރުވަން އުނދަގޫ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ މެންބަރުން ބޭނުންވާ ކަންކަމަށް ފުރުސަތު އަރުވަން ބޭނުންފުޅުވާ ކަމަށާއި ނަމަވެސް ސުވާލު ކުރެވޭނެ ގޮތްތައް ބަޔާންކުރެވިފައިވާއިރު އެނޫން ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.