ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ނުފެނުނު ނަމަވެސް ސިޔާސީ އިސްލާހީ ހަރަކާތްތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ނަވާރާ ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ނިންމަވާލައްވަމުން އަސްލަމް މިއަދު ވިދާޅުވީ މަޖިލީހުން ނުފެނުނު ނަމަވެސް އޭނާ ގަބޫލުކުރައްވާ ސިޔާސީ އިސްލާހީ ހަރަކާތްތަކާއި އިންސާނީ ހައްގުތައް ކުރިއަރުވަން ކުރާ މަސައްކަތްތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"[އެފަދަ] ވެރިކަމެއް ރާއްޖޭގައި އަށަގެންނެވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމުގައި ދެމިހުންނާނަން،" އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަސްލަމް އެންމެ ފުރަތަމަ އިންތިހާބުވީ 2005 ވަނަ އަހަރު އައްޑު އަތޮޅުގެ މެންބަރެއްގެ ގޮތުގައެވެ. އޭގެފަހުން ފެހި ގާނޫނުއަސާސީގެ ދަށުން އޭނާ މިދިޔަ ތިން ދައުރު އިންތިހާބުވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
މަޖިލީހުގައި ޖުމްލަ ހަތަރު ދައުރު -- 20 އަހަރު މެންބަރުކަން ކުރައްވާފައިވާ އަސްލަމަކީ މިމަހުގެ 15 ވަނަ ދުވަހު ދައުރު ފުރިހަމަވެގެންދާ 19 ވަނަ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކުރައްވަމުން ގެންދަވާ އަސްލަމް މިއަދު ވަނީ އޭނާ އައްޑޫ މެންބަރެއްގެ ގޮތުގައި އަދި ފަހުން ހިތަދޫ އުތުރު ދާއިރާގެ މެންބަރުގެ ގޮތުގައި އިންތިހާބު ކޮށްދިން ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަސްލަމް ވަނީ އޭނާގެ ސިޔާސީ މަސައްކަތްތަކުގައި އެމްޑީޕީގެ ލީޑާޝިޕުން ދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ވެސް ފާހަގަކުރައްވާފަ އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓަކަށް އަސްލަމް ހިޔާރުކުރައްވާފައިވާތީ އެކަންވެސް އަސްލަމް ވަނީ ފާހަގަކުރައްވާފަ އެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އަސްލަމް ވާދަކުރެއްވި އެވެ. އެކަމަކު އޭނާއާ ވާދަކުރައްވާ އެ ގޮނޑި ކާމިޔާބު ކުރެއްވީ ވެރިކަން ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ސިނާން (ސިނާ) އެވެ.