ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަނެއްކާވެސް ކުރިމަތިލައްވަން ނިންމަވައި، އެމްޑީޕީގެ ޓިކެޓް ކަށަވަރުކުރައްވައިފި އެވެ.
އަސްލަމަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވީ މަޖިލިސް ޕްރައިމަރީއަށް އެ ޕާޓީން ހުޅުވާލި ފުރުސަތުގައި އަސްލަމް ފިޔަވާ އެހެން ބޭފުޅަކު ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރުމަށްޓަކައި އެމްޑީޕީގެ ޓިކެޓަށް ކުރިމަތިލައްވާފައި ނުވާތީ އެވެ.
އަސްލަމަކީ ރައްޔިތުންގެ މަޖިލީހުގައި މެދުނުކެނޑި މެންބަރުކަން ކުރައްވަމުން ގެންދަވާތާ އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި މިހާރުވެސް ހިމެނޭ މެންބަރެކެވެ.
އަސްލަމަކީ އިދިކޮޅު އެމްޑީޕީގައި މިހާރު އިސްކޮށް ތިއްބެވި ބޭފުޅުންގެ ތެރޭގައިވެސް ސިޔާސީ ތަޖުރިބާ އެންމެ ބޮޑު އެއް ބޭފުޅާ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް އަސްލަމް އެންމެ ފުރަތަމަ އިންތިހާބުވީ 2005 ވަނަ އަހަރު ނޫ ގާނޫނުއަސާސީގެ ދަށުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އައްޑޫ އަތޮޅު މެންބަރު ކަމަށެވެ. އެ އަހަރުގެ އިންތިހާބުގައި މަޖިލީހަށް ހޮވުނު މެންބަރުންގެ ތެރެއިން އެންމެ ގިނަ ވޯޓު ހޯއްދެވީވެސް އަސްލަމް އެވެ.
އަސްލަމް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް މިދިޔަ ހަތަރު ދައުރުވެސް އިންތިހާބުވެފައިވާއިރު އެމަނިކުފާނު މެންބަރުކަން ކުރައްވާތާ 20 އަހަރުވެއްޖެ އެވެ. މިމުއްދަތުގެ ތެރޭގައި މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުލަވާލެއްވި ހާއްސަ މަޖިލީހުގައިވެސް އައްޑު އަތޮޅުގެ މެންބަރުކަން ކުރެއްވި އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރެއްވުމަށްފަހު ސިޔާސީ ދާއިރާއަށް ނިކުންނެވި އަސްލަމް އެމްޑީޕީން ނޫން އެހެން ޕާޓީއެއްގައި މަސައްކަތް ކުރައްވާފައެއް ނުވެ އެވެ. އެމަނިކުފާނު ވަނީ އެމްޑީޕީގައި އިސް މަގާމުތަކެއްވެސް ފުރުއްވާފަ އެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަމާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕޭން މެނޭޖަރުކަން ހިމެނެ އެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރަނިންމޭޓަކީވެސް އަސްލަމް އެވެ.
އަސްލަމް ފާހަގަކުރެވެނީ ސިޔާސީ ގޮތުން އެންމެންނާވެސް ގުޅުން ރަނގަޅު މަޑުމައިތިރި އަދި ބަސް މަދު ބޭފުޅެއްގެ ގޮތުގައެވެ.