ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

އާ މެމްބަރުން ހުވާކުރުން މޭ 28 ގައި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅުން މަޖިލިސް މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މޭ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ 20 ވަނަ މަޖިލީހަށް އިންތިހާބު ވެވަޑައިގެންނެވި ބޭފުޅުން މެމްބަރުކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ ތައްޔާރީތައް މަޖިލީހުގެ އިދާރާއިން ކުރަމުންދާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މިދައުރު ހިނގާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށްކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާ ހިނދަކު 19 ވަނަ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ މޭ 13 ވަނަ ދުވަހު ކަމަށެވެ.

"އަދި އެހާތަނަށް މަޖިލީހުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައިވެސް ދަންނަވަން،" އަސްލަމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން އިން އާންމުކޮށްފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވެރިކަންކުރާ ޕީއެންސީ އަށް 66 ގޮނޑި ލިބިފައިވެ އެވެ.

އިދިކޮޅު އެމްޑީޕީއަށް 12 ގޮނޑި ލިބުނުއިރު އަމިއްލަ ގޮތުން ވާދަކުރި 11 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އެމްޑީއޭ އަށް ދެ ގޮނޑި، ޖޭޕީއަށް އެއް ގޮނޑި އަދި އެމްއެންޕީއަށް އެއް ގޮނޑި ލިބިފައިވެ އެވެ.