އެމްޑީޕީ

5.6 މިލިއަން ރުފިޔާ ހޯދަން އެމްޑީޕީއާ ދެކޮޅަށް ކޯޓަށް

އިދިކޮޅު އެމްޑީޕީން ގައުމީ އެއާލައިން -- މޯލްޑިވިއަންއަށް ނުދައްކާ އޮތް 5.6 މިލިއަން ރުފިޔާ ހޯދުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އައިއޭއެސްގެ އޮފިޝަލަކު އަވަސްއަށް ވިދާޅުވީ އެމްޑީޕީން ފައިސާ ނުދެއްކުމުން އިއްޔެ ވަގުތެއްގައި އެ މައްސަލަ ސިވިލް ކޯޓަށް އހުށަހަޅާފައިވާނެ ކަމަށެވެ. މައްސަލަ ކޯޓަށް ހުށަހެޅީ ފައިސާ ދެއްކުމަށް އެތައް ފުރުސަތެއް ދިނުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފައިސާ ދައްކަން އެދުމުން އެ ޕާޓީން ވަނީ ބައެއް މައުލޫމާތު ސާފުކޮށްދިނުމަށް އެދިފައި. އަޅުގަނޑުމެން އެ މައުލޫމާތު ވެސް ސާފުކޮށްދީފައި އަދި ފައިސާ ދައްކާ އެތައް ފުރުސަތެއް ދިނުމަށްފަހު އިތުރު ގޮތެއް ނެތުމުން ކޯޓަށް މައްސަލަ ހުށަހެޅީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް އެމްޑީޕީން ދައްކަންޖެހޭ 5،629،861 ރުފިޔާއަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ދިމާކޮށް އެމްޑީޕީން ހޯދާފައިވާ ހިދުމަތްތަކުގެ އަގު ކަމަށެވެ.

އެމްޑީޕީއަށް ޓިކެޓް ވިއްކީ އަދި ފްލައިޓަރު ޗާޓަރު ކޮށްދިނީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކަންޖެހޭ ގޮތަށެވެ.

މޯލްޑިވިއަންއަށް އެމްޑީޕީން ނުދައްކާ އޮތް 5.6 މިލިއަން ރުފިޔާ ހޯދުމަށް އައިލޭންޑް އޭވިއޭޝަނުން ކޯޓަށް މައްސަލަ ހުށަހަޅާފައި މިވަނީ ފައިސާ ނުދައްކައިފިނަމަ ކޯޓަށް ދާނެ ކަމުގެ އިންޒާރުވެސް ކުރިން ދިނުމަށްފަހު އެވެ.