އައިލެންޑް އޭވިއޭޝަން

އަމީނަށް ވަޒީފާ ދިނުން މަޑުޖައްސާލުމަށް އަމުރުކޮށްފި

Aug 29, 2022

ގައުމީ އެއާލައިން - މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސް)ގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

އަމީނަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖޫން 28 ވަނަ ދުވަހު އެވެ.

އައިއޭއެސްގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން އަމީން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ. އޭރު އެ ކުންފުނިން ބުނެފައިވަނީ އަމީން އެ މަގާމުން ވަކިކުރީ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ.

އައިއޭއެސް އިން ކޯޓުގައި ބުނެފައިވަނީ އަމީން މަގާމުން ވަކިކުރުމަށްފަހު އެހެން ޒިންމާއެއް އަމީންއާ ހަވާލުކުރި ކަމަށެވެ. އެކަމަކު އޭނާ ފަހުން ވަޒީފާއަށް ހާޒިރުނުވާތީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަޒީފާއިން ވަކިކުރީ ކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ އޭރު އޭނާ ހުރި މަގާމުން ވަކިކުރުމަށްފަހު މަގާމު ދަށްކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އަލުން އެ މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަސް ތެރޭގައި އަމީންއަށް ދިނުމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ހުކުމުގައި އަމުރުކޮށްފައިވެ އެވެ. އެއީ އަށް މިލިއަނެއްހާ ރުފިޔާ އެވެ. އެކަމަކު އެ މުއްދަތުގައި އަމީން އެހެން ވަޒީފާއެއް އަދާކުރިނަމަ އެ ފައިސާ އުނިކުރަން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ސިވިލް ކޯޓުގެ ހުކުމް އައިއޭއެސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާ ގުޅިގެން އިއްޔެ ހައިކޯޓުން ނެރުނު އަމުުރުގައި ބުނެފައިވަނީ އައިއޭއެސް އިން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ބަލާއިރު ގާނޫނީ ގޮތުން ބަހުސް ކުރެވިދާނެ ކަންތައްތަކެއް ހުރި ކަމަށެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޔާސަތު ބެލެހެއްޓެވި ބެންޗުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުން ވަގުތީގޮތުން މަޑުޖައްސާނުލައިފިނަމަ އައިއޭއެސްގެ މަސްލަހަތަށް އުނިކަން ލިބިދާނެ ކަންތައްތަކެއް ހުރި ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މިމައްސަލައިގައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށްވެސް އެދިފައިވެ އެވެ.