ހައިކޯޓް

އަމީނަށް ވަޒީފާ ދޭން ކުރި ހުކުމް އިސްތިއުނާފް ކޮށްފި

Jul 19, 2022

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުގައި ހުންނެވި މުހައްމަދު އަމީން މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އަލުން ވަޒީފާ ދިނުމަށް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކޮށްފި އެވެ.

އަމީނަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ ޖޫން 28 ވަނަ ދުވަހު އެވެ.

އަމީނަށް ވަޒީފާ ދޭން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމަށް ގައުމީ އެއާލައިން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަނުން ޔަގީންކޮށްދެ އެވެ. ނަމަވެސް ހައިކޯޓުން އަދި މައްސަލަ ބަލައިނުގަނެ އެވެ.

އަމީން މޯލްވިއަންގެ ޑިރެކްޓާ އޮފް ފްލައިޓް އޮޕަރޭޝަންސްގެ މަގާމުން ވަކިކޮށް، އޭނާގެ މަގާމު ދަށްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހު އެވެ.

އޭރު އެ ކުންފުނިން ބުނެފައިވަނީ އަމީން އެ މަގާމުން ވަކިކުރީ ކުންފުނި ރިސްޓްރަކްޗާ ކުރުމުގެ ތެރެއިން ކަމަށެވެ.

މޯލްޑިވިއަން އިން ކޯޓުގައި ބުނެފައިވަނީ އަމީން މަގާމުން ވަކިކުރުމަށްފަހު އެހެން ޒިންމާއެއް އަމީންއާ ހަވާލުކުރި ކަމަށެވެ. އެކަމަކު އޭނާ ފަހުން ވަޒީފާއަށް ހާޒިރުނުވާތީ އެ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ވަޒީފާއިން ވަކިކުރީ ކަމަށެވެ.

ސިވިލް ކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ އޭރު އޭނާ ހުރި މަގާމުން ވަކިކުރުމަށްފަހު މަގާމު ދަށްކުރީ ގޯސްކޮށް ކަމަށެވެ. އެހެންކަމުން އަލުން އެ މަގާމު ނުވަތަ އެ ފެންވަރުގެ އެހެން މަގާމެއް 15 ދުވަސް ތެރޭގައި އަމީންއަށް ދިނުމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަނބުރާ ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށްވެސް ހުކުމުގައި އަމުރުކޮށްފައިވެ އެވެ. އެކަމަކު އެ މުއްދަތުގައި އަމީން އެހެން ވަޒީފާއެއް އަދާކުރިނަމަ އެ ފައިސާ އުނިކުރަން ޖެހޭނެ ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.