މޯލްޑިވިއަން

ޓިކެޓު އަގު ހެޔޮ ކުރެވޭނީ ސަރުކާރުގެ ސަބްސިޑީއާއެކު: މޯލްޑިވިއަން

ސަރުކާރުގެ ސަބްސިޑިއާ ނުލާ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ނުކުރެވޭނެ ކަމަށް ގައުމީ އެއާލައިން -- މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމެޓީއަށް އައިލެންޑް އޭވިއޭޝަންގެ އިސްވެރިން މިއަދު ހާޒިރުކުރީ އެތެރޭގެ ދަތުރުތަކުގެ އަގު މޯލްޑިވިއަން އިން ބޮޑުކުރި މައްސަލައިގަ އެވެ.

މިހާދު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދާ އެއްގޮތަށް އެތެރޭގެ އުދުހުންތަކުގެ އަގު 2019 ވަނަ އަހަރު ކުޑަކުރި ކަމަށެވެ.

ސަރުކާރުން ސަބްސިޑީގެ ގޮތުގައި އެ އަހަރު 35 މިލިއަން ރުފިޔާ ދިން އިރުވެސް ކުންފުންޏަށް އެ އަހަރު 125 މިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް މިހާދު ވިދާޅުވި އެވެ.

މިހާދު ވިދާޅުވީ ސަރުކާރުން ފާއިތުވި ދެ އަހަރު އެ ކުންފުންޏަށް ސަބްސިޑީ ދީފައިނުވާ ކަމަށެވެ. ޓިކެޓު އަގު ބޮޑުކުރަން ޖެހުނީ އެކަމުގެ ސަބަބުން ކަމަށާއި ކުންފުނީގެ މާލީ ހާލަތު ދަށްވެ ހިންގުމުގެ ހަރަދު ބޮޑުވެފައިވާ ކަމަށް މިހާދު ވިދާޅުވި އެވެ.

މޯލްޑިވިއަން އިން މިހާރު 14 އެއާޕޯޓަކަށް ދަތުރުކުރާއިރު ލޯޑު ހަމަނުވިޔަސް ދަތުރުކުރަން މަޖުބޫރުވާ ކަމަށާއި އެކަމުގެ ސަބަބުންވެސް ގެއްލުންވާކަން އެސްއޯއީ ކޮމިޓީގައި އައިލެންޑް އޭވިއޭޝަނުން ފާހަގަކުރި އެވެ.

އެސްއޯއީ ކޮމިޓީގައި އައިލެންޑް އޭވިއޭޝަނުން ވަނީ މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ބޯޓުތަކަށް ގިނަ ދުވަސްވެފައިވާކަން ފާހަގަކޮށް އެ ބޯޓުތަކުގެ މެއިންޓެނެންސް ހަރަދު ބޮޑުކަން ފާހަގަކޮށްފަ އެވެ.