ހަބަރު

މުސާރަތައް ބޮޑުކުރީ މުވައްޒަފުން ހިފަހައްޓަން: އައިލެންޑް އޭވިއޭޝަން

Jul 9, 2019
6

އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް)ގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްގެން ބައެއް އިސް މަގާމުތަކުގެ މުސާރަ ބޮޑުކުރަން ޖެހުނީ ކުންފުނި ހިންގުމަށް ދަތިވުމުގެ ބިރު ބޮޑުވުމުން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ ބޮޑުކުރި މައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ އެމްޑީ މުހައްމަދު ރިޒްވީ ވިދާޅުވީ، ބައެއް ސީނިއާ މަގާމުތަކަށްދޭ މުސާރަ ބޮޑުކުރީ ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ބަދަލެއްގެ ދަށުން ކަމަށެވެ.

ރިޒްވީ އިތުރަށް ވިދާޅުވީ ފާއިތުވި ދެ ތިން އަހަރު ހިފަހައްޓާފައިވާ މަގާމުގެ ކުރިއެރުންތަކާއެކު މުސާރައިގެ އޮނިގަނޑު ބަދަލުކުރީ ވާދަވެރިކަން ބޮޑު ދާއިރާއެއްގައި ކުންފުނި ހަރަކާތްރެރިވާއިރު، ޓެކްނިކަލް މުވައްޒަފުންތަކެއް ގެއްލިގެން ގޮސް ކުންފުނި ހިންގަން ދަތިވެދާނެ ހާލަތަކަށް ދިއުމުގެ ބިރު ބޮޑުވުމުން ކަމަށެވެ.

އެގޮތުން، އައިއޭއެސްގެ މުސާރައިގެ އޮނިގަނޑު ވަނީ ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ އޮނިގަނޑުގައި ހުރި މުސާރައިގެ އަދަދުތައް ސިއްރުކޮށް ދިނުމަށް ރިޒްވީ އެދިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން އެ އޮނިގަނޑުގައި ހިމެނޭ އެއްވެސް މައުލޫމާތެއް ނޫނީ އަދަދުތައް ހާމަނުވާގޮތަށް މެންބަރުންގެ ސުވާލުތައް އަމާޒުކުރަން ނިންމި އެވެ. އެހެންކަމުން، މުސާރަތައް ބޮޑުކޮށްފައިވާ މިންވަރު ސާފެއްނުވެ އެވެ.

ސަރުކާރުގެ އެއްވެސް އިދާރާއަކުން މުސާރައިގެ އޮނިގަނޑަށް ބަދަލެއް ގެންނަ ނަމަވެސް އެ ބަދަލެއް ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހެ އެވެ. އަދި މުސާރައަށް ބަދަލު ގެނެސްފި ނަމަ އެއަށް އަމަލު ކުރެވޭނީ މިނިސްޓްރީގެ ހުއްދައާ އެކު އެވެ.

އެ މައްސަލަ ފިނޭންސް މިނިސްޓްރީން ބެލުމަށްފަހު ބުނެފައިވަނީ އައިއޭސް އިން މުސާރައިގެ އޮނިގަނޑަށް ބަދަލުގެނެސްފައިވަނީ ކުންފުނީގެ މާލީ ހަލާތާ އެކަށީގެންނުވާ މިންވަރަށް ކަމަށާއި، މުވައްޒަފުންގެ ޕަފޯމަންސް އާ އެއްގޮތަށް މިހާރު ލިބޭ މުސާރައިގެ 10 ޕަސަންޓަށް ވުރެ އިތުރުނުވާ މިންވަރަށް އޮނިގަނޑު އެކުލަވާލުމަށެވެ. އަދި ހުއްދަ ދިން ތާރީހުގެ ކުރިން ބޮޑުކޮށްފައިވާ މުސާރަ ބަހާލައިގެން މުވައްޒަފުން އަތުން އަނބުރާ ހޯދަން ވަނީ މިނިސްޓްރީން އަންގައިފަ އެވެ.

އެކަމާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޒްވީ ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އެންގުމަށް ކުންފުނިން އަމަލުކުރާނެ ކަމަށެވެ. އަދި ކުންފުނީގެ ބައެއް ޑިޕާޓުމަންޓުތަކުގައި އިތުރަށް މުވައްޒަފުން އެބަ ތިބި ކަމަށާއި، އެކަން ހައްލުކުރަން މިހާރު އޮޑިޓެއް ކުރެވެމުންދާ ކަމަށެވެ. އެހާ ކުއްލި ގޮތަކަށް ސީނިއާ ލެވެލްގެ މުވައްޒަފުންނަށް މުސާރަ ބޮޑުކުރަންޖެހުނީ ވާދަވެރި ފަރާތްތަކުން އެ މުވައްޒަފުންނަށް ބޮޑެތި މުސާރަތައް ހުށަހަޅައިގެން އެ މުވައްޒަފުންތައް ގެއްލިގެން ދިއުމުގެ ބިރު އޮތުމުންކަމަށް ރިޒްވީ ވަނީ ތަކުރާރުކުރައްވައިފަ އެވެ.

އަދި މުސާރައިގަ އޮނިގަނޑު އެކުލަވާލާފައިވަނީ މިހާރު އިންޑަސްޓްރީގައި ހުރި މުސާރަތަކަށްވުރެ ކުޑަކޮށްކަމަށާއި، ފިނޭންސް މިނިސްޓްރީން ރިއާޔަތްކޮށް އޮނިގަނޑު ރަނގަޅު ނޫންކަމަށް ނިންމާފައިވަނީ ކޮން ގޮތަކަށް ބަލައިގެން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ރިޒްވީ ފާހަގަކުރެއްވި އެވެ.

ރިޒްވީ އިތުރަށް ވިދާޅުވި ގޮތުގައި، އެ ކުންފުނީގައި މިހާރު 12،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާއިރު، މުވައްޒަފުންގެ ތަރައްގީއާ ތަމްރީނު ކުރުމަށް މާބޮޑު މަސައްކަތްތަކެއް ފާއިތުވި ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވިފައިނުވާ ކަމަށެވެ.

ނަމަވެސް، ކުންފުނީގެ އާ މެނޭޖްމަންޓާ ހަވާލުވިފަހުން، އެންމެ އިސްކަމެއް ދެނީ މުވައްޒަފުންގެ ތަރައްގީގެ އިތުރުން، މަސައްކަތުގެ މާހައުލު ރަނގަޅު ކުރުންކަމަށް ރިޒްވީ ވިދާޅުވި އެވެ.

ކުންފުނީގެ މާލީ ހާލަތާ ގުޅިގެންމ ރިޒްވީ ވިދާޅުވީ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކޮށްފައިވީ ނަމަވެސް، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުންޏަށް ވަރަށް ބޮޑުތަނުން ފައިދާވެފައިވާ ކަމަށެވެ.