އަހުމަދު ސިޔާމް މުހައްމަދު

ސިޔާމާއި ޒާރާ ކައިވެނި ބައްލަވައިގެންފި

ސަން ގުރޫޕްގެ ވެރިޔާ އަހްމަދު ސިޔާމު މުހައްމަދާއި މިދިޔަ ބޮޑު އީދުގައި ބ. ކަމަދޫ އިން ހުށަހަޅައިދިން މިއުޒިކީ އައިޓަމްތައް މުޅި ރާއްޖެއަށް މަޝްހޫރު ވެގެންދިޔަ ނެށުންތެރިޔާ އައިމިނަތު ޒާރާ ކައިވެނި ބައްލަވައިގެންފި އެވެ.

ކައިވެނީގެ ހަފްލާ މިއަދު ހަވީރު އޮތީ މާލެ އަތޮޅުގައި ސިޔާމު ހިންގަވަމުން ގެންދަވާ އޮޅުވެލި ރިސޯޓުގައެވެ.

އުމުރުން 55 އަހަރުގެ ސިޔާމާއި 23 އަހަރުގެ ޒާރާގެ ކައިވެނީގެ ރަނަކީ ގެސްޓްހައުސްއެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް ކަމަދޫ އިން އަވަސްއަށް ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި އެއީ ރަނގަޅު ވާހަކައެއް ނޫނެވެ.

ސިޔާމުގެ ރިސޯޓުގައި މިއަދު ކައިވެނި ހަފްލާގައި ސިޔާމުގެ ގާތް ބޭފުޅުންނާއި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި ކަމަށް އެނގިފައިވެ އެވެ.

ޒާރާ އާއި ސިޔާމުގެ ކައިވެނީގެ އުފަލުގައި ކަމަދޫގައިވެސް ކުރިއަށް އޮތް ހަފްތާ ބަންދުގައި ހާއްސަ ޕާޓީއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި ސިޔާމު ގެންގުޅުއްވާ ތިން އަސް ވެސް މިހާރު ވަނީ ކަމަދޫއަށް ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަމާއި އެމްޑީއޭގެ ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމުގެ މޮރޮކޯއަށް ނިސްބަތްވާ އަންބަކު މިހާރުވެސް ހުރެ އެވެ. އަދި މީގެކުރިން ސިޔާމު އެކި ކައިވެނިތައް ކުރައްވައިގެން ކުދިންވެސް ލިބިފައިވެ އެވެ.