ހިލްޓަން ކުންފުންޏަށް 24 މިލިއަން ޑޮލަރުގެ ދޭން ސަން ޓްރެވަލްސް ކުންފުނީގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން އަންގާފައިވާ އެންގުމާއި އެއްގޮތަށް މިހާތަނަށް ނުދައްކައި ހުރި ފައިސާ 14 ދުވަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން ސަން ޓްރެވަލްގެ މައްޗަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ހައިކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އިސްތިއުނާފް މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ ނ. އިރުފުށި ރިސޯޓް ހިންގުމަށް ހިލްޓަން ގްރޫޕާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް ސަން ޓްރެވަލް އިން އުވާލި މައްސަލައިގައި ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ހިލްޓަން އިން ކާމިޔާބުކޮށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ސަން ޓްރެވަލް އިން ހިލްޓަން އަށް ދޭން އާބިޓްރޭޝަނުން އަމުރު ކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ. މި ފައިސާގެ ތެރެއިން ބައެއް ފައިސާ އާބިޓްރޭޝަނުން ވަނީ ތަންފީޒު މަރުހަލާގައި އަތުލާފަ އެވެ.
ހިލްޓަންގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، ސިންގަޕޫރު އާބިޓްރޭޝަންގެ އެންގުން ބަލައިނުގަވެނޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ފާހަގަ ކުރެވިފައި ނެތް ކަމަށް ބުނެ މި މަހުގެ ފަސްވަނަ ދުވަހު ސިވިލް ކޯޓުން ވަނީ އެ ދުވަހުން ފެށިގެން ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި މިހާތަނަށް ނުދައްކައި ހުރި ފައިސާ އާއި އަރަމުންދާ ޖޫރިމަނާ ދައްކަން އަމުރުކޮށްފަ އެވެ.
ބޭރުގެ އާބިޓްރޭޝަނަކުން ނިންމާ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރުމުގެ ކުރިން އެ އެ ނިންމުމެއް ބަލައިގަތުމާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައަޅާފައިވާތީ ސަން ޓްރެވަލްސް އިން ވަނީ އާބިޓްރޭޝަނުގެ ނިންމުން ބަލައިނުގަތުމަށް އެދިފަ އެވެ. އަދި ހިލްޓަނުން އެއްބަސްވުން ހެދީ މަކަރާއި ހީލަތުން އޮޅުވާލައިގެން ކަމަށްވެސް ސަން ޓްރެވަލްސްއިން ވަނީ ބުނެފަ އެވެ.
ނަމަވެސް، އާބިޓްރޭޝަނުން ގޮތް ނިންމާފައިވާ މައްސަލައަކާއި މެދު ސިވިލް ކޯޓަށް އަލުން ގޮތެއް ނުނިންމޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާތީ އެ ކަންކަމާ މެދު އެ ކޯޓަށް އިތުރަށް ގޮތެއް ނުނިންމޭނެ ކަމަށްވެސް ސިވިލް ކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.