ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށް އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފި އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރިއަށް ގެންދާ މިމަޝްރޫއު މިއަދު ކޭޕީއައިއެލްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މިކަމަށް ހާއްސަކޮށްގެން އެފްޑީސީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މަސައްކަތް ނިންމަން އެކުންފުންޏަށް ދިނީ 37 މަސް ދުވަހެވެ.
މިމަޝްރޫއަށް ހަރަދުކުރުމަށް ނިންމާފައިވާ ޖުމްލަ 165 މިލިއަން ޑޮލަރު ނުވަތަ 2.65 ބިލިއަން ރުފިޔާ ހޯދުމަށް ނިންމާފައިވަނީ ދެ ގޮތަށެވެ. އެއްގޮތަކީ މަޝްރޫއަށް ބޭނުންވާ ޖުމްލަ ފައިސާގެ 85 ޕަސަންޓް ކޮންޓްރެކްޓަރު ހޯދުމެވެ. ދެވަނަ ގޮތަކީ ބާކީ 15 ޕަސަންޓް ފައިސާ ސޮވަރިން ގެރެންޓީގެ ދަށުން ކޭޕީއައިއެލް އިން ލޯނު ނަގައި ދިވެހި ސަރުކާރުގެ ބަޖެޓުން އެ ފައިސާ ހަމަޖެއްސުމެވެ.
އެފްޑީސީ އިން މިމަޝްރޫއު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވީ ނަމަވެސް ދެވަނަ ފިޔަވަހި ކުރިއަށް ގެންދަން ނިންމާފައިވާ ގޮތުގެ އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓް ޔުނިޓް ހެދުމަށް ނިންމާފައިވާއިރު މީގެތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 1400 ޔުނިޓާއި ދެ ކޮޓަރީގެ 600 ޔުނިޓެވެ.
ހުޅުމާލޭގައި އެފްޑީސީން މިހާރު އަޅަމުންދާ ފްލެޓްތަކުގެ ތަފްސީލް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން އެފްޑީސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި 4،000 ފްލެޓް އަޅަން މިހާރުވެސް ވަނީ ހަވާލުކޮށްފަ އެވެ. މީގެތެރެއިން 1،200 ފްލެޓްގެ ފިނިޝިން މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. މިއީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.
ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރާނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.
މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރޭވިފައިވާ މިމަޝްރޫއުތަކުގެ ގްރައުންޑް ފްލޯ އަދި ފަސްޓްފޮލޯގައި ހިމެނޭނީ މިޔުނިޓު ތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހާއްސަ ކުރެވޭ ރީޓެއިލް އައުޓްލެޓްތަކާއި، ޕާކިން ޒޯނެކެވެ.
މި މަޝްރޫއު ހިންގަން އިންޑިއާގެ އެގްޒިމް ބޭންކްއިން ބަޔާޒް ކްރެޑިޓްގެ ދަށުން 228 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 3.5 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ