ފަހި ދިރިއުޅުން ކޯޕަރޭޝަން

އެފްޑީސީގެ ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ކުއްޔަށް ދޫކުރަން ތައްޔާރުވަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުންދާ 4،000 ފްލެޓް ހިމެނޭ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގެ ކޮމާޝަލް ޖާގަތައް ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް އަންނަ ހަފްތާގެ ތެރޭގައި ހުޅުވާލުމަށް ނިންމައިފި އެވެ.

އެފްޑީސީ އިން މިއަދު ވަނީ ޓަވަރުތަކުގެ ކޮމާޝަލް އޭރިއާ ހުންނާނެ ގޮތް ނޫސްވެރިންނަށް ދައްކާލާފަ އެވެ. އެފްޑީސީ އިން އަޅަމުންދާ 32 ޓަވަރުގައި 127 ކޮމާޝަލް ޖާގަ ހުރެ އެވެ. މިތަންތަން ހުންނަނީ ޓަވަރުތަކުގެ ގުރައަންޑް އަދި ފަސްޓް ފްލޯގައެވެ.

މިޓަވަރުތަކުގައި ކޮމާޝަލް ބޭނުމަށް ޖާގަ ވިއްކަނީ އަކަފޫޓެއް 40-45 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށްވާތީ އެންމެ ކުޑަކޮށްވެސް މިތަނުން ޖާގައެއް ލިބޭނީ މަހަކު 30،000 ރުފިޔާ ދައްކަންޖެހޭ ގޮތަށެވެ.

ޖާގަ ދޫކުރަން ނިންމާފައިވަނީ އެ ތަންތަން ކުއްޔަށް ނަގާ ބޭނުމަކަށް ބަލައިގެން ޖާގަ އިތުރުކުރެވޭ ގޮތަށެވެ.

މިޓަވަރުތައް ހަ ޒޯނަކަށް ބަހާލައިގެން ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 580-6،200 އަކަފޫޓުގެ ޖާގަތަކެއް ކަމަށް އެފްޑީސީ އިން ބުނެ އެވެ.

ޖާގަ ދޫކުރަން ނިންމާފައިވާ ބޭނުންތައް

  • ކެފޭ އާއި ރެސްޓޯރެންޓްތަކަށް
  • ކްލިނިކްތަކަށް
  • އޮފީސް ހިންގަން
  • ރީޓެއިލް ފިހާރަ ހިންގަން
  • ސުޕަމާކެޓާއި ހައިޕަމާކެޓް ހިންގަން
  • ތަރުކާރީ އާއި މޭވާ ވިއްކުމަށް

އެފްޑީސީ އިން ނިންމާފައިވަނީ އަންނަ ހަފްތާ ޒޯން އެކެއްގެ 18 ވަރަކަށް ކޮމާޝަލް ޖާގަ ކުއްޔަށް ދިނުމަށެވެ. މި ތަންތަން ކުއްޔަށް ދިނުމުގައި އިސްކަން ދޭން ނިންމާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ކޮމާޝަލް ޖާގަތައް ކުރިން ކުއްޔަށް ދޫކުރަން ނިންމީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް އެ ތަންތަނުން މުހިއްމު އަސާސީ ހިދުމަތްތައް ލިބޭނެ ކަމަށް ބަލައިގެން ކަމަށް އެފްޑީސީ އިން މައުލޫމާތުދެ އެވެ.

އެފްޑީސީ އިން އަޅަމުންދާ 32 ޓަވަރުގައި ގާތްގަނޑަކަށް 30،000 މީހުން ދިރިއުޅޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.