ހަބަރު

މުސްލިމުންގެ މުގައްދަސް ތިން ސިޓީއަކަށް ހައްޖު ކޯޕަރޭޝަނުން ޓްއާޕެކޭޖެއް

އިސްލާމީ އާސާރީ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް ހައްޖު ކޯޕަރޭޝަނުން ދަތުރެއް ތައާރަފުކޮށްފި އެވެ. އެ ދަތުރަށް ރަޖިސްޓާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަންނަ މަހުގެ 15 ގެ ނިޔަލަށް މި ދަތުރުގައި ބައިވެރިވުމަށް ރަޖިސްޓާ ކުރެވޭނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް އަވަސްއަށް ވިދާޅުވީ، މި ދަތުރުގައި ބައިވެރިވުމަށް ނަން ރަޖިސްޓްރީކުރާ ހުރިހާ ފަރާތްތަކަށް ވެސް ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި ދަތުރުގައި އުމުރާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި މަސްޖިދުލް އަގްޞާ ގައި ހުކުރު ކުރުމުގެ ފުރުސަތު ވެސް މި ދަތުރުގައި ލިބިގެންދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

މުއްދަތުކުރިން ރަޖިސްޓްރީކޮށް، ފައިސާ ދައްކާ ފަރާތްތަކަށް 20 ދުވަހުގެ މި ދަތުރުގައި ބައިވެރިވެވޭނެއިރު މި ދަތުރުގެ އަގަކީ 49،965 ރުފިޔާ އެވެ. އެއީ ދެކޮޅު ޓިކެޓާއި ހުރުމާއި ދަތުރުފަތުރު ކުރުމުގެ ހަރަދެވެ.

ދަތުރުގެ ތާވަލް:

  • އެންމެ ފުރަތަމަ ޖޯޑަން އަށް ގޮސް އެ ތަނުގައި ދެ ދުވަހު މަޑުކުރާނެ
  • ފަލަސްތީނުގެ މަސްޖިދުލް އަގުސާ ކައިރީ ހުންނަ ހޮޓަލެއްގައި ތިން ދުވަސް މަޑުކުރާނެ
  • މަސްޖިދުލް އަގްސާ މިސްކިތުގައި ހުކުރު ނަމާދު ކުރުން
  • އެއަށްފަހު މިސްރަށް ގޮސް އެ ތަނުގައި ހަ ދުވަހު މަޑުކުރާނެ
  • މައްކާގައި ހަތް ދުވަހު މަޑުކުރަން ވަނީ ހަމަޖެހިފައި
  • ފަހު މަންޒިލެއްގެ ގޮތުގައި މަދީނާގައި ދެ ދުވަހު މަޑުކުރާނެ

މި ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު އެވެ. މި ދަތުރަށް ލިބޭ ތަރުހީބަށް ބަލާފައި ޑިސެމްބަރު މަހު ވެސް މިފަދަ އެހެން ދަތުރެއް ބާއްވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.