ފާރިސް މައުމޫން

ފާރިސް ހުންނެވީ ނިކަމެތިންގެ ދިރިއުޅުން ކޮޅަށް ޖަހައިދޭން

އަހްމަދު ފާރިސް މައުމޫން އަވަސް އަށް ދެއްވި އިންޓަވިއު

ދަ އުލަތުން ނިކަމެތިންގެ އަތުން ޖީއެސްޓީ ނަގަނީ ސިޔާސީ މީހުންނަށް ހަރަދު ކުރުމަށް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެކަމަށް ބަދަލު ގެންނާނެ ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އަހްމަދު ފާރިސް މައުމޫން ވިދާޅުވެއްޖެ އެވެ.

އަވަސްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފާރިސް ވިދާޅުވީ އޮފީސްތަކުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސަރުކާރަށާއި ދައުލަތަށް އަދި ރައްޔިތުންނަށް ކޮށްދެއްވަން ޖެހޭ ހިދުމަތް ކޮށްދެއްވަމުން ނުގެންދަވާ ކަމަށެވެ. އެ ބޭފުޅުންގެ ހަމައެކަނި ބޭނުމަކީ ސިޔާސީ މަންފާ ހޯދުން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

"މިހާރު ސިޔާސީ މަސައްކަތަށް ސިޔާސީ މީހުންނަށް ކިހާ ހަރަދެއްތޯ އެކުރަނީ؟ ކިހާ ހަރަދެއް ކޮށްގެން އަސްލު މިކަން ކުރެވޭނެތޯ؟" ފާރިސް ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް އަދި އިތުރަށް ކުޑަކޮށްލިކަމުގައިވިޔަސް ނިކަމެތިން އަތުން އެ ނަގާ ޖީއެސްޓީ ކުޑަ ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ހަރަދު ކުރުމަށް އެންމެ ނިކަމެތި މީހާ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެބަތިއްބެވި ބޭރު މިޝަންތަކުގަވެސް އެތައް ބޮޑެތި ހަރަދެއްކޮށްފައި އެތައް ބައިވަރު ބަޔަކު. މީ ހަމަކުރަން ޖެހޭ ހަރަދުތައްތޯ؟" ފާރިސް ވިދާޅުވި އެވެ.

އޭނާ ދެކޭ ގޮތުގައި ޖީއެސްޓީ އަކީ ނަހަމަ ޓެކްސް އެކެވެ. ސަބަބަކީ އެއީ އެންމެ ނިކަމެތި މީހާވެސް ފުދުންތެރި މީހުންނާއި އެއް އިންސައްތައެއް ދައްކަން ޖެހޭ އެއްޗެއް ކަމަށްވުމެވެ.

ފާރިސް ވިދާޅުވީ ރާއްޖޭގެ ގިނަ ބަޔަކީ އެ މީހުންނަށް ލިބޭ އާމްދަނީ އަކާއި ކުރާ ހަރަދުތަކާއި ނުބައްދަލު މީހުން ކަމަށެވެ.

"ދިވެހިރާއްޖޭގެ މީހުންނަށް ބަލާއިރު އެންމެ ޒަރޫރީ ކަންތައްތައްވެސް ހަމަނުޖެހިގެން ވެސް އެބައުޅޭ 80 ވަރަކަށް ޕަސަންޓް މީހުން. އަދި 99 ޕަސަންޓާއި ހިސާބަށް މިއުޅެނީ ހަމަޖެހިލައިގެނެއް ނޫން،" ފާރިސް ވިދާޅުވި އެވެ.

ޖީއެސްޓީއަކީ އޭގެ ޒާތުގަ ދައުލަތަށް ފައިސާ ހޯދަން ފަސޭހަ ގޮތެއް ކަމަށާއި އެކަން އެގޮތަށް ކުރަނީ އެ ބޭފުޅުންނަށް އެންމެ ފަސޭހައީ އެންމެ ނިކަމެތިން އަތުން ފައިސާ ނަގަން ކަމަށްވުމާއެކު ކަމަށް ވިދާޅުވި އެވެ.

"އެހެން މި ދެންނެވީ އެންމެ ނިކަމެތިންނަށް ދެއްތޯ އެންމެ ފަސޭހައިން ކަންތައްތައް ކޮށްލެވޭނީ ބާރުވެރި ބަޔަކަށް. އެންމެ ބާރުވެރި އެންމެ މުއްސަނދި މީހުން އަތުން އެއްޗެއް ނަގަން ދަތިވޭތޯ؟ އެކަންކަން ކުރާކަށް ސަރުކާރަކުން ނުކެރޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ ޖީއެސްޓީ އެއްކޮށް އުނި ކޮށްލި ކަމުގައިވިޔަސް އޭގެން ދައުލަތަށް ގެއްލޭ ބައި ހޯދުމަށް އެހެން ތަފާތު ގޮތްތަކެއް އެބަހުރި ކަމަށެވެ.

މިހާރު ގިނަ ބޮޑެތި ކުންފުނި ތަކުން ބީޕީޓީވެސް އޮންނަނީ ވަރަށް ފްލެޓްކޮށް ކަމަށާއި ޕާސަނަލް އިންކަމް ޓެކްސް އަށް ލިބޭ ވަރުވެސް އޮންނަނީ ވަކި ހިސާބަކުން ހުއްޓުވާފައި ކަމުގައި ފާރިސް ވިދާޅުވި އެެވެ.

"ޕާސަނަލް އިންކަމް ޓެކްސްވެސް މި އޮންނަނީ ވަކި ހިސާބަކަށް. މިއޮތީ ޕްރޮގްރެސިވްކޮށް. އޭގެން މައްޗައް ހެޔޮ ކިތަންމެ ވަރަކަށް ލިބުނަސްވެސް. އެ އިތުރު ޕަސަންޓެއް އިތުރެއް ނުވޭ،" ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަންތައްތަކަށް ބަދަލު ގެނެސް ނިކަމެތިން އަތުން ނަގާބައި ވަރަށް ބޮޑުތަނުން ކުޑަކޮށް ފޯރުންތެރި މީހުން އަތުން ނަގާ ބައި އިތުރުކޮށްލިޔަސް ދައުލަތަށް ލިބޭ ބައި ބެލެންސް ކުރެވޭނެ އެވެ. އަދި މިހާރު ދައުލަތަށް އާމްދަނީ ލިބޭ ވަރަށްވުރެ މާބޮޑަށްވެސް ލިބޭނެ ގޮތްތައް އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ ދައުލަތުގެ ބަޖެޓުން "ކޮރަޕްޝަނަށް" ވަރަށް ބޮޑު ހަރަދެއް ކުރާ ކަމަށާއި ކޮރަޕްޝަން ނައްތާލުންވެސް އެއީ ނިކަމެތިން އަތުން ޖީއެސްޓީ ނެގުން ހުއްޓާލެވޭނެ ކަމެއް ކަމަށެވެ.

"ފަންސޫރެއްހާ މިންވަރުވެސް ނުގަނެވޭ މިހާރު ކޮންމެވެސް މީހަކަށް ލާރިކޮޅެއް ދީގެން ނޫނީ. ޕްރޮޖެކްޓެއްވެސް ނުލިބޭ. އެސްއެމްއީ ލޯނު ނަގަންވެސް ދިޔައިމަ ބުނަނީ މިވެނި އިންސައްތައެއް ދޭށޭ ތިމަންނައަށް ކަޓުގޮތުގަ،" ފާރިސް ވިދާޅުވި އެވެ.

އޭނާގެ ވެރިކަމެއްގައި ކޮރަޕްޝަން ނައްތާލައި ޓެކްސްވެސް ރީސްޓްރަކްޗާ ކުރެވިގެންދާނެ ކަމަށް ފާރިސް ފާހަގަކުރެއްވި އެވެ. އެފަދަ ބަދަލުތައް ގެނައުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެހެންނަމަވެސް އެކަންކަން ކުރައްވާ ނަތީޖާ ދައްކަވާނެ ކަމުގައި ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ އޭނާގެ ހުށަހެޅުމުގެ މައިގަނޑު ކަމަކީ އިގުތިސޯދު މިހާރު އޮތް ވަރަށް ވުރެ ފުޅާކޮށް ރައްޔިތުންނަކީ ފޯރުންތެރި ބަޔަކަށް ހެދުން ކަމަށެވެ. އަދި އިގްތިސޯދު ފުޅާކުރެވިއްޖެނަމަ، ޖީއެސްޓީ ވެގެންދާނީ ދައުލަތަށް ލިބޭ ފައިސާގެ ވަރަށް ކުޑަކުޑަ އެއްޗަކަށް ކަމުގައި އޭނާ ވިދާޅުވި އެވެ.

"އެހެންވެ އޭތި ނައްތާލުމަކީ، ތިން ޕަސެންޓަށް ކުޑަ ކުރުމަކީ، އަދި މުސްތަގުބަލުގައި ސުމަކާ ހިސާބަށް ތިރިކުރުމަކީވެސް ހަމަ ވަރަށް ރަނގަޅަށްވެސް ކުރެވިދާނެ ކަމެއް،" ފާރިސް ވިދާޅުވި އެވެ.



ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އިންތިހާބު ކުރަނީ ރައްޔިތުންގެ ވޯޓުން ކަމަށްވާތީ އޭނާގެ ވެރިކަމެއްގައި އޭނާ ހުށަހަޅާ ކަންކަން މަޖިލީހުން ކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައިވެސް ފާރިސް ވިދާޅުވި އެވެ. މިވަގުތު ފާރިސް ރައީސް ކަން ކުރައްވަމުން ގެންދަވާ އެމްއާރްއެމްގެ އެއްވެސް މަޖިލިސް މެންބަރަކު ނެތެވެ.

ފާރިސްގެ މެނިފެސްޓޯގައި ހިމެނޭ ވަރަށް ގިނަ ކަންތައްތަކުގެ ފައިދާ ހާސިލްކުރެވޭނީ ގާނޫނަށް އިސްލާހުތަކެއް ގެނެވިގެން ކަމުގައި އޭނާ ވިދާޅުވި އެވެ. އޭނާއަށް ލިބޭ ވޯޓަކީ މެނިފެސްޓޯއަށް ރައްޔިތުން ކުރާ ތާއީދުގެ ތެރެއިން ލިބޭނެ ވޯޓު ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު 50 އިންސައްތަ އަށް ވުރެ ބޮޑު އަދަދަކުން ވޯޓު ލިބިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވިއްޖެނަމަ އަޅުގަނޑަށް ރައްޔިތުން އެ ވިދާޅުވަނީ ހުށަހަޅާފައި ހުރި ކަންތައްތައް ތަންފީޒު ކޮށްދޭށޭ،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިސްލާހުތަކަކީ ރައްޔިތުން ތާއީދުކޮށް ބަލައިގެންފައިވާ މެނިފެސްޓޯގައި ހުރި ވައުދުތަަކަށް ވުމާ އެކު ރައްޔިތުންގެ ބަހަށް ރައްޔިތުންގެ މަޖިލީހުގެން މެމްބަރުން ތާއީދުކުރައްވާނެ ކަމަށެވެ.

"ހަމައެކަނި އަޅުގަނޑު ބުނީތީ ކުރާ ވާހަކައެއް ނޫން މި ދަންނަވަނީ. އަޅުގަނޑު ބުނެގެން ރައްޔިތުން މި ކަންތައްތައް ބަލައިގެންފި ނަމަ ރައްޔިތުން އަނެއްކާ ނެރޭނީ، އިންތިހާބު ކުރާނީ މިކަންކަން ތަންފީޒު ކުރާނެ ވަރު ބައެއް މަޖިލީހަށް،" ފާރިސް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްޔިތުން ކަމެއްގައި ގޮތެއް ކަނޑައަޅައިފިނަމަ އެއާ ދެކޮޅަށް އެއްވެސް ސިޔާސީ ބަޔަކު ތެދުވެ މަސައްކަތް ކުރައްވާނެ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށްވެސް ފާރިސް ވަނީ ވިދާޅުވެފަ އެވެ.