އެމްއާރުއެމް

ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން އެމްއާރްއެމުން ނިންމައިފި

Sep 20, 2023

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް -- އެމްއާރްއެމް އިން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރާކަން ހާމަކުރީ އެމްއާރްއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި އެއް ކެންޑިޑޭޓަކަށް 50 ޕަސަންޓަށްވުރެ ގިނައިން ވޯޓު ލިބިވަޑައިގެންފައިނުވާތީ އެކަމުން މާނަކުރެވެނީ އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަނޭޅޭކަން ކަމަށް ފާރިސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ވޯޓުގެ އަދަދަށް ބަލާއިރުވެސް އެގޮތުން މާ ތާއީދު ބޮޑު ބައެއް ކަމަކަށް އަޅުގަނޑުމެންވެސް ނުދެކެން. އަޅުގަނޑުމެންގެ ޓީމުން ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށްގެން އަޅުގަނޑުމެންނަށް ވޯޓު ދިން ބަޔަކާ ނުވަތަ އެއަށްވުރެ އިތުރު ބަޔަކުވެސް އެގޮތަށް އަމަލުކުރާނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމްގެ ހުށަހެޅުންތައް ކެންޑިޑޭޓުންނަށް ހިއްސާކޮށް އެ ކެންޑިޑޭޓުންނަށް ބަލައިގަނެވޭނެ ކަންކަން ސާފުކުރުމުގެ މަޝްވަރާތައް ވަރަށް ދިގުކޮށް ކުރިއަށް ދިޔަ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔައީ މީގެ ތެރެއިން މުހިންމު ކަންތައްތައް މި ގައުމުގެ ކަންކަން އިސްލާހުކުރުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް އެ ބޭފުޅުން ހުށަހަޅުއްވާފައިވާ މެނިފެސްޓޯތަކަށް އިތުރުކުރެވޭތޯ،" ފާރިސް ވިދާޅުވި އެވެ.

ގައުމަށް އިސްލާހުތަކެއް ގެންނަންޖެހޭއިރު މިހާރު އުފެދި ހިނގަމުންދާ ބޮޑު ސިޔާސީ ޕާޓީއަކުން އިންތިހާބުވާ ރަޢީސަކަށް އެކަންކަން ކުރައްވަން ދަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގެންނަން މި ބޭނުންވާ އިސްލާހީ ބަދަލުތައް ވަކި ބޮޑު ޕާޓީއެއްގެ ވެރިކަމުގައި ގެންނަން ދަތިވާނެ ކަމަށް ފާހަގަކުރެވެނީ. އެހެންކަމުން އަޅުގަނޑުމެން ނިންމީ ދެވަނަ ބުރުގައި އެއްވެސް ފަރާތަކަށް ތާއިދުނުކުރަން،" ފާރިސް ވިދާޅުވި އެވެ.

ފާރިސް އިތުރަށް ވިދާޅުވީ އެމްއާރްއެމްގެ މެނިފެސްޓޯ އާއި ހުށަހެޅުންތަކަށް ލިބިފައިވާ ތާއީދުން އެމްއާރްއެމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މެނިފެސްޓޯއަކީ ޕްލެޓްފޯމެއްގެ ގޮތުގައި ދެކި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްއާރްއެމުން ގިނަ ކެންޑިޑޭޓުންތަކެއް ވާދަކުރުމަށް ނިންމާފައިވާ ކަމަށްވެސް ފާރިސް ވިދާޅުވި އެވެ.